ސައުދީން ރާއްޖެއަށް ދެމުންއަންނަ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާމެދު މަޝްވަރާކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް، ފުޅާ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ސަޢޫދީ ޢަރަ...

19 Mar 2015 | 03:33

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށް، ފުޅާ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޢައްޒާމް ބިން މުޙަންމަދު އާލް-ދަޚީލް މަޝްވަރާ ކުރައްވައިފިއެވެ.

އެބޭފުޅުން މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސަޢޫދީ ޢަރަބިއްޔާގެ އެޑިޔުކޭޝަން މިނިސްޓަރ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ސަޢޫދީ ޢަރަބިއްޔާގެ އެހެން ބައެއް ވަޒީރުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވި ކަމަށާއި މިގޮތުން، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޑިފެންސް، މުޙަންމަދު ބިން ސަލްމާން އާލް-ސަޢުދާއި، މިނިސްޓަރ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލް ރިސޯސަސް، ޢަލީ ބިން އިބްރާހީމް އާލް-ނަޢީމީއާއި، މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް ބިން ޢަބްދުލްޢަޒީޒް އާލް-ޢައްސާފާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އިންޑޯމެންޓްސް، ކޯލް އެންޑް ގައިޑެންސް، ޞާލިޙް ބިން ޢަބްދުލްޢަޒީޒް އާލް އައްޝައިޚާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ވަކިވަކިން އޮތް މި ބައްދަލު ކުރެއްވުންތަކުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުން، އެބޭފުޅުންގެ ވުޒާރާތަކުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް