ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ފެންމަތިވެފައިވާކަން ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
އެ ކޯޓުން މިކަން ހާމަކުރީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައެވެ.
ދަރިންނަށް ޚަރަދު ނުދިނުމާއި ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ކައިވެނިތައް ރަޖިސްޓްރީ ނުކުރާ މައްސަލަ ފާހަގަކުރަމުން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވަނީ އެއް އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއްވެސް އޮތްކަން ފާހަގަކޮށްފައެވެ.
އިތުރު ތަފްސީލު ހާމަކުރަމުން މައުސޫމް ވިދާޅުވެފައިވަނީ އެ އަންހެން މީހާ ފުރަތަމަ ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކޮށް އެ ކައިވެނި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭގޮތް ނުވުމުން އެ ކައިވެނި ދޫކޮށްލައި އަނެއްކާވެސް ރާއްޖެއިން ބޭރުގައި ކައިވެންޏެއް ކުރި ކަމަށެވެ. އަދި އެ ދެ ކައިވެންޏާއިމެދު ފެމިލީ ކޯޓަށް ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް މިހާރު ކޮށްފައިވާކަމަށެވެ.
މައުސޫމް ފާހަގަކުރެއްވީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ނަސަބު އޮޅި ނޭދެވޭ އެތައް ކަމެއް ނިކުމެދާނެ ކަމެއް ކަމަށެވެ.
ރާއްޖޭގައި ކައިވެނި ނުކުރެވޭ ހާލަތްތަކުގައި އަވަށްޓެރި ލަންކާ އާއި އެހެނިހެން ގައުމުތަކަށް ގޮސް ކައިވެނި ކުރުމަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް އާންމު ކަމަކަށް އޮންނަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް