ހުޅުމާލެ ސަހަރާ މިސްކިތުގައި ފާޚާނާ ބަރިއަކާއި ވުޟޫކުރާ ބައެއްގެ އިތުރުން ފީޑިންގ ރޫމެއް ހުޅުވައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުޅުމާލެ ސަހަރާ މިސްކިތުގައި ފާޚާނާ ބަރިއަކާއި ވުޟޫކުރާ ބައެއްގެ އިތުރުން ތުއްތު ކުދިންނަށް ފީޑް ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ފީޑިންގ ރޫމެއް ހުޅުވައިފިއ...

19 Feb 2025 | 05:57

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހުޅުމާލެ ސަހަރާ މިސްކިތުގައި ފާޚާނާ ބަރިއަކާއި ވުޟޫކުރާ ބައެއްގެ އިތުރުން ތުއްތު ކުދިންނަށް ފީޑް ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ފީޑިންގ ރޫމެއް ހުޅުވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލެ ސަހަރާގައި އޮތް މި ރަސްމިތުގައި ފާޚާނާ ބަރިއާއި ވުޟޫކުރާ ބައިގެ އިތުރުން ފީޑިންގ ރޫމް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މިސްކިތްތަކާއި ސަހަރާތައް ބޭނުންކުރާ މާލެ ސިޓީގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންނަށް ހުރިހާ ފަސޭހަތަކެއް ލިބިގެން ދިއުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ.  އެ ގޮތުން މިއަދު ހުޅުމާލެ ސަހަރާގައި ހުޅުވިގެން މި ދިޔަ ފާޚާނަބަރިއަކީ  އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުން ކުރެވޭގޮތަށް، ވަރަށް ފުރިހަމަކޮށް ހެދިފަވާ ފާޚާނަ ބަރިއެއް ކަން ފާހަގަކުރެއްވިއެވެ. އަދި މި ފާޚާނަ ބަރިއަކީ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭނެހެން ފަރުމާކޮށްފައިވާ ފާޚާނަ ބަރިއެއް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މާލޭގެ މިސްކިތްތަކާއި ސަހަރާތަކަކީ ސާފުތާހިރު ތަންތަނުގެ ގޮތުގައި ހެދުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި އެ ގޮތުން މިސްކިތްތަކުގައި ރަނގަޅުކުރަންޖެހޭ ކަމެއް ހުރިނަމަ އެ ކަންކަން ކައުންސިލަށް އެންގުމުން، އެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މިސްކިތްތައް ޒީނަތްތެރިކޮށް ބޭއްވުމަށް ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި މިހާރު ވެސް ކައުންސިލަށް ރައްޔިތުންގެ ފަރާތުން ދެމުންއަންނަ ފުރިހަމަ އެއްބާރުލުމަށް، މާލެ ސިޓީގެ ކައުންސިލްގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވާކަމަށެވެ.

މި ރަސްމިއްޔާތުގައި މޭޔަރ ޢާޒިމްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޢަލީ އައިމަނާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ކައުންސިލްގެ ބައެއް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް