ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ 'ހިޔަލަ ވީކެންޑް މަރކެޓް'ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 ން 11:00 އަށް ހުޅުމާލެ ފޭސް 1ގެ ކޮންޓެއިނަރ މި މަރކެޓް ކުރިއަށްގެންދެއެވެ. 'ޕަވަރޑް ބައި ދިރާގު' ގެ ގޮތުގައި ކުރިއަށްގެންދާ މި މާރކެޓުގެ އަމާޒަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ޚާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ. އެގޮތުން ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީ.ސީ.ސީއިން ދެއެވެ. އެގޮތުން އެ މުއައްސަސާއިންވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހަޅާ ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގާ 'ހިޔަލަ ވީކެންޑް މަރކެޓް' ފަދަ އިވެންޓްގެ ޑިޖިޓަލް ޕަރޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާ. އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން މުޖުތަމަޢުގެ ތަފާތު އަންހެން ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް އިނގި، އައު ފުރުސަތުތަކެއް އެފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށް އުންމީދު ކުރަން" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ އެކު 'ހިޔަލަ ވީކެންޑް މަރކެޓް'ގެ ޕަރޓްނަރަކަށްވެ، ދެއްވަމުންގެންދަވާ އެއްބާރުލުމަށް ދިރާގަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުން،" ބީ.ސީ.ސީގެ ޑިރެކްޓަރ ކޮމާޝަލް، މުޙައްމަދު ޖައުޝަން ވިދާޅުވިއެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް