އައްޑޫ ސިޓީ މަރަދޫ، ގަސްކަރަ، އުމުރުން 31 އަހަރުގެ މުހައްމަދު އާސިރު އިސްމާއިލް ގެއްލިގެން ހޯދާތާ12 ދުވަސް ފަހުން އޭނާ ފެނުނު ނަމަވެސް މިހާތަނަށްވެސް އޭނާއަށް ވީގޮތް އޮތީ ސުވާލެއްގެ ތެރޭގައި އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ގެއްލުނު އާސިރު ފެނުނީ މިމަހުގެ16 ވަނަ ދުވަހުގެ ރޭ އެވެ. އޭނާ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ.
އެރޭ ފުލުހުން ބުނީ އާސިރު ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އޭގެ ފަހުން އާސިރުގެ އާއިލާ މީހަކާއި ހަވާލާދީ އޮންލައިން ނޫސް "މިހާރު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އާސިރު ފެނުނު އިރު އިނީ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލްގެ ގޮނޑިއެއްގައި އިށީނދެގެންނެވެ. އެކަމަކު އޭނާ އެކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކާތީ ގެއްލިގެން އެވީ މުއްދަތުގައި އުޅުނީ ކޮންތާކު ކަމެއް ނޭނގޭ ކަމަށް ބުންޏެވެ.
މި މައްސަލައިގަ އެ މައުލޫމާތު އެ ނޫހަށް ދިނީ ފުލުހުންގެ އިސް އޮފިޝަލަކު ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އެކަން ފުލުސް މީޑިއާއިން ދޮގު ކުރަމުން ބުނީ ވަކި މީޑިއާއަކަށް ވީތީ ތަފާތުކޮށް މައުލޫމާތު ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާސިރު ގެއްލުމާއި ފެނުމާއި ދެމެދު ވީ ދުވަސްތަކުގައި ކަންތައް ހިނގާދިޔަގޮތް ބަލަމުންދާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އާސިރު ގެއްލުނީ ވަޒީފާއަށް ހުޅުމާލެއަށްދާން ނުކުތް ގޮތަށް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ކުރިން ބުނެފައިވެ އެވެ.
އާސިރު ފެނުނީ 150 ގަޑިއިރަށްވުރެ ގިނަ ސީސީޓީވީ ފުޓޭޖު ބަލާފައިވާ ކަން ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ. އޭގެ ތެރޭގައި އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ކެމެރާތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓް ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ހިމެނޭ ކަމަށެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މާލެއިން ޓެކްސީއެއްގައި އެއާޕޯޓަށް ދިޔަތަނެވެ. ސީސީޓީވީ ކެމެރާ ފުޓޭޖުތަކުގެ އެހީގައި ހޯދި އެމައުލޫމާތުތަކަށް ބަލައި ފުލުހުން ވަނީ އޭނާ ދަތުރު ކުރި ޓެކްސީ ޑްރައިވަރު ހޯދައި ސުވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް