އަށް ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ފަތްކޮޅު އަރުވައިފިއަ

8 ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފި އެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ މޮނ...

19 Feb 2023 | 16:49

8 ޤައުމެއްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އަރުވައިފި އެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ މޮންގޯލިއާ، ފްރާންސް، ރަޝިއާ، ސަރބިއާ، ސްލޮވީނިއާ، ނެމީބިއާ، ކެނެޑާ އަދި ދި ހެލެނިކް ރިޕަބްލިކް ސަރުކާރުން، ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިހަށް އަރުވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވި 8 ޤައުމުގެ ސަފީރުންނަކީ:

1- މޮންގޯލިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ގަންބޯލްޑް ޑަމްބަވް،

2- ފްރާންސުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް،

3- ރަޝިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ލިވަން އެސް ޖަގަރްޔަން

4- ސާބިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ސިނިސާ ޕަވިޗް

5- ގްރީސް އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ދިމިޓްރިއޮސް އިޔޮއަންނޫ

6- ސްލޮވޭނިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މަތާޔާ ވޮޑެބްއ ގޯޝް

7- ނެމީބިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ގެބްރިއަލް ޕީ. ސިނިމްބޯ

8- ކެނެޑާ އިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އެރިކް ވޯލްޝް

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ވަނީ ދިވެހިރާއްޖެއާ އެހެން ޤައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގައި ސަފީރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންގެ ތަރައްޤީގެ އުންމީދުތައް ހަޤީޤަތަކަށް ހަދައި ދެވިފައި ވާކަމަށާ، އެކަން ޙާޞިލްކުރުމުގައި، ބައިނަލްއަޤުވާމީ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކޮށްފައި ވަނީ، އިންސާނީ ޙައްޤުތައް ކުރިއަރުވައި، ޙިމާޔަތްކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި މޫސުމާގުޅޭ ސިޔާސަތުތައް ކުރިއެރުވުން، މިތިން އަސާސްގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ދަތުރުފަތުރު ކުރުމުގައި ލުއިފަސޭވުމަކީ، ޘަޤާފީ ގުޅުންތަކާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް ހިއްވަރު ލިބި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަމާއި، ކުރިއެރުވުމަށް ވާޞިލްވެވޭނެ ފާލަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއިން އެހެން ޤައުމުތަކަށް އޮން އެރައިވަލް ވިސާ ދެމުން އަންނަ ކަމަށާއި އެޤައުމުތަކުންވެސް ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިގޮތްތައް ހަމަޖައްސައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއާއި ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ސަފީރުންގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް