ވަސީލަތްތައް ވަގުތުން ވަގުތަށް ހޯދުމަށް ދަތިތައް ދިމާވަނީ އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުން: އައިޖީއެމްއެޗް

އައިޖީއެމްއެޗުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް ވަގުތުން ވަގުތަށް ހޯދުމުގައި ދަތިތައް ދިމާވަނީ އެ ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކެއް ހުރުމުން ކަމަށް އެ ހޮސްޕި...

19 Feb 2023 | 15:32

އައިޖީއެމްއެޗުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް ވަގުތުން ވަގުތަށް ހޯދުމުގައި ދަތިތައް ދިމާވަނީ އެ ހޮސްޕިޓަލުން އަމަލުކުރަންޖެހޭ ޤާނޫނީ އުސޫލުތަކެއް ހުރުމުން ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އައިޖީއެމްޗުން މިހެން ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި އަސްލްޓްރާސޮނޮގްރެފީ (ޔޫއެސްޖީ) މެޝިނެއް ނެތިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭގެ މެޝިނެއް ހަދިޔާކުރާނެ ބަޔަކުވޭތޯ ޑޮކްޓަރަކު ކުރި ޓްވީޓަކާއި ނަރުހުން ފާޅުކޮށްފައިވާ ކަންބޮޑުވުމާއި ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއު ކުރި ހަބަރަކާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އެގޮތުން އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ މެޝިންތަކާއި ކޮންސިއުމަބަލްސް އަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށްވާ ގޮތުގެ މަތިން އަގާއި، ފެންވަރު ބަލައި، ވަކި އުސޫލަކުން ގަނެވޭ ތަކެތި ކަމަށެވެ.

އަދި އައިޖީއެމްއެޗުން ބޭނުންކުރަމުން ދަނީ އެމެރިކާގެ އެފްޑީއޭ އާއި ޔޫރަޕްގެ ސީއީ ފަދަ ދުނިޔޭގެ ސެޓިފައިން ބޮޑީތަކުން ގަބޫލުކުރާ ފެންވަރުގެ އިކުއުޕްމަންޓް ކަމަށާއި މިއީ ވެސް ވަސީލަތްތައް ހޯދުމުގައި އިތުރު މުއްދަތު ހިނގާ ސަބަބެއް ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްކޭން ކުރުމަށް ބޭނުންވާ ޕޯޓަބަލް މެޝިން ނެތް ކަމަށް ހަބަރުގައި ބުނެފައިވާތީ އެކަން ދޮގުކޮށް އައިޖީއެމްއެޗުން ބުނީ މިވަގުތު ވެސް އެފަދަ ފަސް މެޝިން ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މުދާ ގަތުމުގައި އައިޖީއެމްއެޗުން އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުރުމުންނާއި ހަރަދު ކުޑަ ކުރުމަށް އިސްކަން ދޭންޖެހޭތީވެ، ބައެއް ފަހަރު ޑިޕާޓްމަންޓްތަކުން ހޯދުމަށް އެދޭ ވަކި ބްރޭންޑެއްގެ މެޝިނެއް އެވަގުތު ހޯދުމުގައި ދަތިތަކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލަކީ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ދިވެހިރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލަށް ވީހިނދު އެ ހޮސްޕިޓަލުގެ ޚިދުމަތްތަކާއި މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދި، އިތުބާރު ގެއްލޭ ފަދަ ޚަބަރެއް ޝާއިއު ކުރުމުގެ ކުރިން ހޮސްޕިޓަލުގެ ބަހެއް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް