ގާސިމްއާ އެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: އަސްލަމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެކު ބޭއްވެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން ހާމަކޮށްފި އެވެ. ރައީސް ސޯލިހު...

19 Feb 2023 | 10:37

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެކު ބޭއްވެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމުން ހާމަކޮށްފި އެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ގާސިމްގެ އަރިހަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ބައްދަލުވުން އޮތީ ގާސިމްގެ ރިސޯޓެއް ކަމަށްވާ އދ.ގައި ހިންގާ ސަން އައިލެންޑުގައި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން "ދުވަސް" އަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ބައްދަލުވުން ވަރަށް ކާމިޔާބުކަމަށެވެ. ކުރިޔަށް އޮތްތާ އެކުގައި ކުރިޔަށް ދެވޭނެ ކަަމަށް އުންމީދު ކުރާ ކަަމަށް ވިދާޅުވި އެވެ. އެކަމަކު ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމަ ކުރެވެން ނެތް ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކާއި އެކުވެސް ރައީސް ސޯލިހުގެ ޓީމުތަކުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭނާގެ ޓީމަށް ހަމަޖެހިފައި އޮތީ ޖޭޕީ އާއި އެކު މަޝްވަރާ ކުރުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ގާސިމާއި ބައްދަލު ކުރަން ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަފުދެއް ވަޑައިގެންނެވިކަން ހާމަވީ ސޯޝަލް މީޑިއާގައި އެ ބައްދަލުވުމުގެ ފޮޓޯއެއް އާންމުވުމުންނެވެ. އެމްޑީޕީ އާއި ޖޭޕީންވެސް އެކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކަ އެވެ.

ޖޭޕީއަކީ މިހާރުވެސް ރައީސް ސޯލިހުގެ ވެރިކަމުގެ ކޯލިޝަން އެންމެ އިސް ޕާޓްނަރެވެ.

އެކަމަކު ކުރިޔަށް އޮތް އިންތިހާބުގައި ކޯލިޝަން ހެދުމާއި މެދު ޖޭޕީން އަދި ގޮތެއް ނުނިންމައެވެ. ޖޭޕީން ބުނީ ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމާނީ މިމަހު 24-25 އަށް ބާއްވާ ޕާޓީ ކޮންގްރެސްގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް