ހުޅުޖަހަން ގޮވާލި މައްސަލައިގަ އައްބާސް މައްޗަށް ދައުވާ ކޮށްފި

ސިޔާސީ ހިތް ހަމަ ނުޖެހުމެއްގައި މާލޭގެ ބައެއް ތަންތަނުގައި ހުޅު ޖަހަން ގޮވާލި މައްސަލައިގަ އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާ އުފުލައިފި އެވެ. އޭނާ އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއ...

19 Feb 2023 | 10:16

ސިޔާސީ ހިތް ހަމަ ނުޖެހުމެއްގައި މާލޭގެ ބައެއް ތަންތަނުގައި ހުޅު ޖަހަން ގޮވާލި މައްސަލައިގަ އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އޭނާ އަކީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި މެލޭޝިއާގައިި ހުންނަ ދިވެހި އެމްބަސީގެ ސިޔާސީ މަގާމެއްގައި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އައްބާސްގެ މައްޗަށް އުފުލީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ ކަމަށެވެ. އެ ދައުވާ އުފުލީ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ.

ޕީޖީން ބުނީ ދައުވާ އުފުލަން ނިންމީ "ކްލަބްހައުސް" ގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ދެއްކި ވާހަކަ އަކާއި ގުޅިގެން ކަމަށެވެ. އެ ވާހަކަ ދެއްކީ މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

އެދުވަހު އައްބާސް ހިތްވަރު ދެއްވާފައިވަނީ ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި، އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށެވެ. ޕީޖީން ބުނީ ޖެހިގެން އައި ދުވަހު އައްބާސްގެ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓެއްވެސް ކޮށްފައިވާ ކަމަށެވެ.

މި ކުށް ސާބިތު ވެއްޖެ ނަމަ އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައްބާސްއަށް އަންނާނެއެވެ. ޕީޖީން ބުނީ އޭނާގެ މައްޗަށް ދައުވާ އުފުލީ މިއަދު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް