ސައުދީ ކުލަބް އަލް ނަޞްރު ދޫކޮށް ނުދިމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެދުނުކަމަށް ކެމަރޫން ފޯވާޑް ވިންސެންޓް އަބޫބަކާރު ބުނެފިއެވެ.
އުމުރުން 31 އަހަރުގެ އަބޫބަކާރު ސައުދީ ކުލަބް އަލް ނަޞްރަށް ބަދަލުވީ 2021 ވަނަ އަހަރު އޭނާގެ މިހާރުގެ ކުލަބް ތުރުކީގެ ބެސިކްޓަސް އިންނެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 6 މިލިއަން ޕައުންޑަށް އަލް ނަޞްރަށް ބަދަލުވި އަބޫބަކާރު ސައުދީ ކުލްބަ ދޫކޮށް ދާން ޖެހުނީ އެ ކުލަބުން ރޮނާލްޑޯ ގެނައުމާއި އެކު އޭނާގެ އެއްބަސްވުން އުވާލަން އަލް ނަޞްރުން ނިންމުމުންނެވެ.
ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ގައި ހިލޭ ޓްރާންސްފާގެ ދަށުން ދުނިޔޭގެ ރެކޯޑް ފީއަކަށް ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވިއިރު، އޭނާ އެ ކުލަބުގެ ކުޅޫންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ރެޖިސްޓްރީ ކުރެވެން އޮތީ އެވަގުތު އަލް ނަޞްރުގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެއް ބެރުކޮށްގެންނެވެ. އެހެން ކަމުން އެ ކުޅުންތެރިއަކަށް ވީ އަލް ނަޞްރުގެ ފޯވާޑް ވިންސެންޓް އަބޫބަކާރު ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
އަބޫބަކާރު ބުނީ އޭނާ އަލް ނަޞްރު ދޫކޮށް ދިއުމުގެ ކުރިން ރޮނާލްޑޯ އާއި ވަހަކަ ދެއްކި ކަމަށާއި އެވާހަކައިގެ ތެރެއިން ރޮނާލްޑޯ އޭނާގާތު ކުލަބުގައި މަޑުކުރުމަށް އެދި ހިތްވަރު ދިން ކަމަށެވެ. އަބޫބަކާރު ބުނީ ރޮނާލްޑޯ ބޭނުންވަނީ އޭނާ ކުލަބުގައި މަޑުކުރުމަށް ކަމަށާއި ނަމަވެސް އާއިލީ ސަބަބުތަކަށްޓަކައި އަލް ނަޞްރުގައި މިވަގުތު މަޑުކުރެވެން ނެތް ކަމަށް އޭނާ ރޮނާލްޑޯގާތު ބުނެފައިވާނެ ކަމަށް އަބޫބަކާރު ވަނީ ބުނެފައެވެ.
އަދި ކުލަބުގައި މަޑުކުރެވެން ނެތް ކަމަށް ބުނުމުން އާއިލާ ތިބީ ކޮންތާކުތޯ ރޮނާލްޑޯ އޭނާކުރެން ސުވާލުކުރި ކަމަށް އަބޫބަކާރު ބުންޏެވެ. އަދި އާއިލާ އެންމެން ތިބީ ފްރާންސްގައި ކަމަށާއި ތުރުކީ އަކީ ފްރާންސްއާއި ގާތް ފައުމަކަށް ވުމުން ތުރުކީގެ އޭނާގެ ކުރީގެ ކުލަބަށް ބަދަލުވާން ބޭނުންވީ ކަމަށް ރޮނާލްޑޯ ގާތުު ބުނެފައިވާނެ ކަމަށް އަބުބަކާރު ބުންޏެވެ.
މީގެ އިތުރުން އަބޫބަކާރު ބުނީ އަލް ނަޞްރުގެ ރައީސްވެސް ބޭނުން ވަނީ އޭނާ އެއްބަސްވުން ބާތިލްކޮށް ކުލަބުން ބޭރުކުރުމަށް ކަމަށް ވެސް ރޮނާލްޑޯ ގާތު ބުނިކަމަށް އަބޫބަކާރު ވަނީ ބުނެފައެވެ.
" އަހަރެން އަލް ނަޞްރު ދޫކޮށްލުމުގެ ކުރިން ރޮނާލްޑޯ އާއި ވާހަކަ ދެކެވުނު. އަދި އަހަރެން ކުލަބުގައި މަޑުކުރުމަށް ރޮނާލްޑޯ ހިތްވަރުދިން. ނަމަވެސް އާއިލީ ސަބަބުތަކަށްޓަކައި މިވަގުތު ކުލްބުގައި މަޑުކުރެވެން ނެތް ކަމަށް އަހަރެން ބުނިން." ވިންސެންޓް އަބޫބަކާރު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް