ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް ހުޅުމާލެއަށް ބަދަލުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިން' އަށް ބަދަލުކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިއަދުން ފެށިގެ...

19 Feb 2023 | 05:46

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިން' އަށް ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ އިދާރާގެ އޮފީސް ހިންގާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ތިންވަނަ ފުލޯގައި ކަމަށެވެ.

މި އޮފީސް އިމާރާތުގައި  ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޕާކިން އަށް ހާއްސަ ކުރެވިފައި ވާއިރު، ދެވަނަ ފަންގިފިލާގައި ހިންގަމުންދަނީ ޖެންޑަރ މިނިސްޓްރީގެ އޮފީހެވެ.

ތިންވަނަ ފަންގިފިލާގައި  ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަން ހަމަޖެހިފައިވާއިރު ހަތަރުވަނަ ފަންގިފިލާގައި އެމެރިކާ އެމްބަސީ އަދި ފަސްވަނަ ފަންގިފިލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމަށް ހަމަޖެހިފައި ވާއިރު ހަވަނަ ފަންގިފިލާގައި މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރާގޮތުގައި ސަރުކާރު އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމާފައިވާ އިމާރާތެކެވެ. މާލޭގައި ކުއްޔަށް ދޫކުރާ ސަރުކާރުގެ އޮފީސް ތަންތަނަށް އަހަރަކު 77.7 މިލިއަން ރުފިޔާ ދައްކާއިރު، މިއީ ސަރުކާރުން ކުލީގެ ޚަރަދަށް ކަނޑައަޅާފައިވާ ބަޖެޓުގެ 64 އިންސައްތައެވެ. އެހެންކަމުން ކުއްޔަށް ހިފާފައިވާ ދައުލަތުގެ އޮފީސްތައް އާ އިމާރާތަށް ބަދަލުކުރުމަކީ ދައުލަތުގެ ބަޖެޓަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން 2019 ވަނަ އަހަރު ނިންމެވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް