ޔޫތް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ރާއްޖެ އައިސް އަމިއްލައަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ހަވާޅުވެއްޖެ އެވެ.
ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، އައްސަދު މާލެ އައިސްފައި މިވަނީ އޭނާ ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށެވެ. އެނާ މާލެ އައިސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ކަރެކްޝަންސުން ބުނީ އަޑުބަރޭ އަމިއްލައަށް ހަވާލުވުމުން ހުކުމް ތަންފީޒުކުރަން އޭނާ މިހާރު ހުރީ އެތަނުގެ ބެލުމުގެ ދަށުގައި ކަަމަށެވެ. އޭނާ ޖަލަށް ގެންދިޔައީ އެއާޕޯޓުންނެވެ.
އައްސަދަށް ފަނަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމަކަށް ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ކަނޑައަޅާފައެވެ. އަދި ހުކުމް އިއްވިއިރު އޭނާ ރާއްޖޭގައި ނެތުމުން އޭނާ ހޯދުމަށް ކަރެކްޝަންސްއިން ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
ޖިންސީ ގޯނާގެ ދައުވާތައް އުފުލުމާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް