ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ރާއްޖެ އަތުވެއްޖެއެވެ.
ޖިންސީކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި، އައްސަދު މާލެ އައިސްފައި މިވަނީ އޭނާ ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ފުލުހުންގެ ކިބައިން އެދިފައި ވަނިކޮށެވެ. އަދި އެނާ މާލެ އައިސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
އޭނާ މާލެ އައި ނަމަވެސް އޭނާ ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތެއް މިހައިތަނަށް ލިބިފައެއް ނުވެއެވެ.
އައްސަދަށް ފަނަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ބޭއްވި އަޑުއެހުމަކަށް ކްރިމިނަލް ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ކަނޑައަޅާފައެވެ. އަދި ހުކުމް އިއްވިއިރު އޭނާ ރާއްޖޭގައި ނެތުމުން އޭނާ ހޯދުމަށް ކަރެކްޝަންސްއިން ފުލުހުންގެ ކިބައިން އެދިފައިވެއެވެ.
ޖިންސީ ގޯނާގެ ދައުވާތައް އުފުލުމާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ އަމުރު މުރާޖަޢާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.
ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ޑޮކްޓަރު ބުނުމުން ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލިއެވެ. އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހަޅާފައި ވާތީއެވެ.
އެގޮތުން އަލީ ވަހީދަށް ޖާމިނުވި ފަރާތަކީ އަޑުބަރޭއެވެ.
ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށް އަޑުބަރޭ ޖާމިނުވެފައިވާ އިރު، ހަތަރު މަސް ހަމަވެގެން ދިޔައިރު ވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ. އެއާއެކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.
އަލީ ވަހީދު ވަނީ ލަންޑަނަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް