ޅ.އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އަށް އަރުވައިފިއެވެ.
މި ކަރުދާސް ރައީސް އަށް އަރުވާފައިވަނީ އެ މަނިކުފާނު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފާދިއްޕޮޅު ކައުންސިލާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
އެގޮތުން މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ ކައުންސިލަރުން ވަނީ އަތޮޅުގައި ހުރި ފަރުތަކާއި ފަޅުތަކުގެ ބޭނުން އެންމެ އެދެވޭގޮތަށް ބޭނުންކުރުމުގައި އަތޮޅު ކައުންސިލުން އެދޭގޮތް ރައީސް އާއި ހިއްސާކުރައްވާފައެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެކުލެވޭ ކަރުދާހެއް ރައީސް އަށް އަރުވާފައި ވެއެވެ. އެ ކަރުދާހުގައި އަތޮޅުގައި ވޮކޭޝަނަލް ތަމްރީނުދޭ މަރުކަޒެއް ޤާއިމުކުރަން އެދޭކަމާއި އަތޮޅު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން ޞިއްޙީ ނިޒާމު ހަރުދަނާކުރުމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުޞަތު އަތޮޅުގެ ރައްޔިތުންނަށް ފަހިކުރުންފަދަ ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅުކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރު ކައުންސިލުގެ އައު އިމާރާތަށް ޒިޔާރަތް ކުރައްވައި އެތަން ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް