ލޯރޑް އަހްމަދު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ލޯރޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އ...

19 Feb 2022 | 14:56

ލޯރޑް (ޠާރިޤް) އަހްމަދު އޮފް ވިމްބްލްޑަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ދި ކޮމަންވެލްތު، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައީސް ޅ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިވަރަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ އިނގިރޭސިވިލާތުގެ މިޝަންގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި، އެ ރޮނގުން ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފައިވެއެވެ. ރައީސް ވަނީ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ހިމާޔަތް ކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައެވެ.

ރައީސް ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ބިރުއޮތްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން 6 މޭ، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ދެވުނު ޓެރަރިސްޓް ޙަމަލާއަކީ "ހޭވެރިކަން ގެނުވި" ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އިގްތިޞާދީ ހަރަކާތްތައް ފުޅާކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރާ ކަނޑުމަހަށް ނަގާ ޑިއުޓީ ކުޑަކުރުމާބެހޭގޮތުންވެސް ވާހަކަފުޅުދައްކަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުގެ މައްޗަށްވެސް އަލިއަޅުވާލައްވައިފައިވެއެވެ. ރައީސް ވާހަކަފުޅުގައި، ކޮމަންވެލްތު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކޮމަންވެލްތަކީ މެންބަރު ހުރިހާ ޤައުމަކަށްވެސް އޭގެ ލާބައާ މަންފާ ލިބެނިވި ޖަމާޢަތަކަށް ހެދުމުގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައިވެއެވެ. މި ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމަށްވެސް ފައިދާއާއި ލާބަލިބެނިވި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙުއާލާ ކުރައްވަމުންނެވެ.

ލޯރޑް ތާރިޤް އަހުމަދު ރާއްޖެއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެގެ ގިނަ މިނިސްޓަރުންނާއި ސަރުކާރު ވުޒާރާތަކުގެ އިސްވެރިންނާއި ދަނީ ބައްދަލު ކުރަށްވަމުންނެވެ. އެގޮތުން ލޯރޑް ތާރިގް ވަނީ ރައްޔިތުން މަޖިލީހުގެ ރައިސް މުހަންމަދު ނަޝީދާވެސް ބައްދަލު ކުރަށްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް