ފިލްމު ސްކްރިޕްޓް ލިޔަން ދަސްކޮށްދޭ ވޯކްޝޮޕެއް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް (އެމްއެސްޕީއޭ) އިން ބާއްވަން ނިންމައިފިއެވެ.
އެމްއެސްޕީއޭ އިން ބުނީ މިއީ އެމްއެސްޕީއޭ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް އޮންނާނީ 10 މާރިޗުން 23 މާރިޗުގެ ނިޔަލަށް ކަމަށެވެ. އަދި މި ވޯކްޝޮޕުގައި ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް ވެސް ބުންޏެވެ.
އެމްއެސްޕީއޭގެ ޗެއަރމަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވީ ބޭނުމަކީ މި ފަންނުން ވެސް މީހުން ތަމްރީނުކޮށް ގިނަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި ސްކްރިޕްޓް ލިޔާ މީހުންނަކީ ނިސްބަތުން ރާއްޖޭގައި ވަރަށް މަދު ބައެއް ކަމަށެވެ.
"މިފަދަ ސްކްރިޕްޓް ރައިޓިންގ ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުވީމަ އެކަމަށް މީހުން ބިނާކުރުން، ޚާއްސަކޮށް ޒުވާނުން. މިކަމަށް ޝައުގުވެރިކަންހުރި ބަޔަކު ޚާއްސަކޮށް ޒުވާނުން އުފެއްދިއްޖެނަމަ، ދިވެހި ފިލްމީ ދާއިރާއަށް އިތުރު އާރޯކަމެއް އަންނާނެ." ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ބަތަލު އަދި ޑައިރެކްޝަންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ދަރާ ރަޝީދު ވިދާޅުވިއެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމާއި ވޯކްޝޮޕްގެ ޤަވާޢިދު، އެމްއެސްޕީއޭގެ ވެބްސައިޓް mspa.mv އިން ލިބެން ހުރިއިރު، ގަވާއިދުގައި ހިމެނޭ މުހިންމު ބައެއް ނުކުތާތަކަށް ބަލައިލާއިރު، ސްޓޫޑިއޯ ނުވަތަ ކުންފުނި ފަދަ ތަންތަނުން ބައިވެރި ކުރާ ފަރާތްތައް ބައިވެރިކުރާނީ ކުންފުނި ނުވަތަ އެ ސްޓޫޑިއޯއިން ކަމަށާ ބައިވެރިންގެ ނަން ލިސްޓް ހުށައަޅާއިރު ވޯރކްޝޮޕްގެ މުއްދަތަށް އެފަރާތެއް ދޫކޮށްފައިވާކަމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް އެ މުއައްސަސާއަކުން ހުށައަޅަން ޖެހެއެވެ.
މި ވޯކްޝޮޕްގެ މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަވާ ހަރްޝް އާނަންދުއެވެ. އޭނާއަކީ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ.
ދިވެހި ފިލްމީ ދާއިރާއަށް މީހުން ބިނާ ކުރުމަކީ އެންމެ އިސްކަންދޭ އެއްކަމުގެ ގޮތުގައި އެމްއެސްޕީއޭ އިން ހަދާފައިވާ އިރު، މި އަހަރުގެ ތެރޭގައި ތަފާތު ވޯކްޝޮޕްތައް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.
އެމްއެސްޕީއޭ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕްގެ ފްލަޔަރ އިން އިތުރު މަޢުލޫމާތުތައް ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް