އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސްގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއް...

19 Feb 2022 | 12:29

އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ އެމްއެމްޕީއާރުސީގެ ފަރާތުން އޮސްޓްރޭލިއާއަށް ކަޑައަޅާފައި ހުންނަ ޕީއާރު އެޖެންސީއިންނެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ފެބްރުއަރީ 17-18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓްރެވްމީޑިއާގެ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައި.އެމް.އެމް) އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ނެޓްވޯކިން ހަރަކާތެކެވެ. މިހަރަކާތުގެ މަޤްސަދަކީ ފަތުރުވެރިކަމާބެހޭ ހިދުމަތްދޭ ފަރާތްތަކާއި، މިދާއިރާގެ ހަބަރާއި މައުލޫމާތު ފަތުރާ ޖާނަލިސްޓުންނާއި، އިންފްލުއެންސަރުން އަދި ބްރޯޑްކާސްޓަރުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ދިނުމެވެ.

މިއީ އައި.އެމް.އެމް ބާއްވާ 10 ވަނަ އަހަރެވެ. މިއަހަރު ގެ އިވެންޓުގައި 5665 އެގްޒިބިޓަރުންނާއި ލަފާކުރެވޭ ގޮތުގަ 10،500 މީޑިއާ ތަކުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާ މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. މިގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްގެ ގޮތުގައި މިހަރަކާތުގެ ތެރެއިން އިޝްތިހާރު ކުރެވުނެވެ.

މި ހަރަކާތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްތައްކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް/ހޯމްސްޓޭގެ މައުލޫމާތުގެ އިތުރުން ލިވްއަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އޮސްޓްރޭލިއާ އަދި ނިއުޒީލެންޑްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާ ކުރެވުނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، މަންޒިލާ ގުޅޭ ޓްރެވަލް ގައިޑްލައިންތަކުގެ އިތުރުން ދިވެހިރާއްޖޭގެ ކޮވިޑް ހާލަތުގެ އެންމެ ފަހުގެ މައުލޫމާތުވެސް ހިއްސާކުރެވުނެވެ.

އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވެފައި މިވަނީ އޮސްޓްރޭލިއާގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެމްއެމްޕީޢާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓިޖީގެ މަޤްސަދަކީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ދަމަހައްޓާ، މި މަންޒިލުން ރާއްޖެ އައުމަށް މީހުން ބުކިން ހަދާ މިންވަރާއި، ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމެވެ.

ޕެންޑަމިކްގެ ކުރިން އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރި ޤައުމެކެވެ. މިގޮތުން 2019 ވަނަ އަހަރު އޮސްޓްރޭލިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި 10 މާކެޓްގެ ތެރެއިން 1 މާކެޓެވެ. އެ އަހަރު އޮސްޓްރޭލިއާއިން ރާއްޖެއަށް 39،928 ފަތުރުވެރިން އައިސްފަވެއެވެ. ޕެންޑަމިކާ ގުޅިގެން ވޭތުވެދިޔަ  ދެ އަހަރެއްހާ ދުވަހު އޮސްޓްރޭލިއާގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ނަމަވެސް ހާލަތަށް ބަލާ މިއަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއާ ބޯޑަރު މިވަނީ ހުޅުވާލާފައެވެ.

މިއާއެކު މިއަހަރުގެ ކުރިއަށް އޮތްތަނުގައި މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

އޮސްޓްރޭލިއާ މާކެޓުގައި ރާއްޖެގެ މަޤުބޫލުކަން ދަމަހައްޓާ، އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ވަނީ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ވެބިނަރތަކާއި، ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ކެމްޕެއިންތަށް ހިމެނެއެވެ. 2022 ވަނަ އަހަރުވެސް މި މާކެޓަށް ހާއްސަކޮށް އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް