މި އަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ މުޢާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް) ގައިވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް ޢަމަލީ ސިފައެއް ގެނެއުމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މި ސަމިޓްގެ ބައިވެރިން ވަނީ އެކި ވައުދުވެފައެވެ. އެގޮތުން 171 ފަރާތަކުން 968 ވައުދެއް ވެފައިވެއެވެ.
ދިވެހިރާއްޖޭގައި ދިރުއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތަކުގެ ޙައްގުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިސަމިޓުގައި ތިން ވައުދެއްވެވަޑައިގެންނެވިއެވެ.
އެއީ، އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ޙާޞިލުވުމަށް މަގުފަހިވާނެގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށްވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާޞިލުވެވޭގޮތަށް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިޞާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
އިންޓަރނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައި.ޑީ.އޭ) އަދި ނޯރވޭގެ ސަރުކާރުން ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ 16-17 ފެބުރުވަރީ 2022 ގައި ވަރޗުއަލްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް