އިންޑިއާގަ ވޯޓުލާން ދިޔަ މުސްލިމް އަންހެނެއްގެ ބުރުގާ ބާލުވަން ބީޖޭޕީން މަސައްކަތްކޮށްފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި މިހާރު ކުރިޔަށްދާ އާބަން ސިވިލް އިންތިހާބުގައި ވޯޓުލާން ދިޔަ މުސްލިމް އަންހެނެއްގެ ބުރުގާ ބާލުވަން ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ އެޖެންޓު މަސައްކަތް ކޮށްފި އެވެ. މ...

19 Feb 2022 | 10:43

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގައި މިހާރު ކުރިޔަށްދާ އާބަން ސިވިލް އިންތިހާބުގައި ވޯޓުލާން ދިޔަ މުސްލިމް އަންހެނެއްގެ ބުރުގާ ބާލުވަން ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީގެ އެޖެންޓު މަސައްކަތް ކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ޓަމިލް ނާޑޫގެ މަދޫރާއީ ސިޓީގެ ޑިސްޓްރިކްޓެއް ކަމަށްވާ މެލޫރުގައި އެވެ. މި އިންތިހާބަކީ މުނިސިޕަލް ހިދުމަތްތައް ދިނުމަށް އުފައްދާފައިވާ ކޯޕަރޭޝަންތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މެލޫރުގެ އެ ވޯޓު ފޮށި ކައިރީގައި އެކި ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނާއި އެޖެންޓުން މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ތިއްބެވެ. އެކަމަކު އެ މުސްލިމް އަންހެން މީހާގެ ބުރުގާ ބާލަން އަންގައި އެކަމަށް ޑީމާންޑު ކުރީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީގެ އެޖެންޓެވެ.

އޭނާ ބުނީ ބުރުގާ އަޅައިގެން ހުރުމުން އަންހެން މީހާ އަކީ ކާކުކަން ދެނެގަންނަން އޭނާއަށް އުނދަގޫ ކަމަށެވެ. އެހެންވެ ބުރުގާ ބާލައިގެން ނޫނީ ވޯޓުލާން ނުވަދެވޭނެ ކަމަށް ބުނެ އަންހެން މީހާ ހުއްޓުވީ އެވެ.

މިކަމާއި ގުޅިގެން އެ ވޯޓު ފޮށީގެ ވޯޓުލުން ހުއްޓާލަން ޖެހުނެވެ. އެތަނުގައި ތިބި އިންޑިއާގެ އެހެން ސިޔާސީ ޕާޓީތަކުގެ އެޖެންޓުން ޑިމާންޑު ކުރީ ބީޖޭޕީގެ އެޖެންޓު އެތަނުން ބޭރުކޮށް އަންހެން މީހާއަށް ބުރުގާ އަޅައިގެން ހުރެ ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ.

އެހެންވެ ފުލުހުން ވަނީ ބީޖޭޕީގެ އެޖެންޓު ވޯޓުލާ ސަރަހައްދުން ބޭރުކޮށްފަ އެވެ.

އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީ އަކީ އަބަދުވެސް އިސްލާމް ދީނާއި ދެކޮޅު ވިސްނުން ގެންގުޅޭ ހަރުކަށި ފިކުރުގެ ޕާޓީ އެކެވެ. އެ ޕާޓީ ވެރިކަމަށް އައި ފަހުން މިނިވަން ކަމާއި އެކު މުސްލިމުންނަށް އުޅުމުގެ ފުރުސަތު ނުދިނުމަށް ދީނާއި ދެކޮޅު ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

މިހާރު އެންމެ ހޫނުވެގެން އުޅޭ މައްސަލައަކީ އިންޑިއާގެ ސަރުކާރު ސްކޫލްތަކާއި ކޮލެޖު، ޔުނިވާސިޓީތަކަށް ބުރުގާ އަޅައިގެން މުސްލިން ދަރިވަރުންނަށް ވަނުން މަނާ ކުރި ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް