ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން އަނެއްކާވެސް ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ 20 ސްކޮލާޝިޕަކަށް ހުޅުވާލާފައެވެ. އެއީ މެލޭޝިއާ އިން މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން/އެޑިއުކޭޝަން މެނޭޖްމަންޓް ގެ ދާއިރާގެ ކޯހެކެވެ.
އެހެން ނަމަވެސް ޝަރުތު ހަމަވާ ކެނޑިޑޭޓުން މަދުވުމާ ގުޅިގެން އެ މިނިސްޓްރީން މިހާރު ވަނީ ހަ ފުރުސަތު އަލުން ހުޅުވާލައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަގާމަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ އާއި، މުސާރައާ އެއްވަރަށް އެލަވަންސެއް ލިބުމުގެ އިތުރުން ދެ ކޮޅު ޓިކެޓްވެސް ހަމަޖައްސާ ދޭނެ ކަމަށެވެ.
މީގެ އިތުރުން މި ސްކޮލާޝިޕްގެ ފުރުސަތު ލިބޭ މީހުނާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކަކީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމަ އެއާއެކު މިނިސްޓްރީން ބުނީ މިމުއްދަތުގައި ލީޑިން ޓީޗަރުގެ މަސްއޫލިއްޔަތު އަދާކޮށްފައި ވާނަމަ، އެމުއްދަތު ވެސް ގުނޭނެ ކަމަށެވެ.
އިތުރަށް މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީއިން މީގެ ކުރިން ކިޔެވުމަށް ލޯނެއް ނަނގާފައި ވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުން ގެންދާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުމަކީވެސް މި ސްކޮލަޝިޕްގެ ޝަރުތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޮލާޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ، އަންގާރަ ދުވަހުގެ މެންދުރު 14:00އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް