ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޅ .އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޅ. އަތޮޅުގެ ރަށްތަަކަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާ މަރުކަޒުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތަޢުލީމީ މަރުކަޒު އެންމެ އެދެވޭގޮތަށް ހިންގުމަށް އިތުރު 3 ބުރީގެ އިމާރާތެއް ބޭނުންވާކަން މި މަޝްވަރާތަކުގައި ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ތަޢުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަޞީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރަށް އެމަނިކުފާނު މިހާރު ވަޑައިގެންފައިވާއިރު މިރަށްރަށުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް