ޅ. ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ބައްލަވައިލައްވައިފިއެވެ.
ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވީ ޅ. އަތޮޅުގެ ރަށްތަަކަށް ކުރައްވަމުންގެންދާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.
ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާއެވެ.
ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ހެދުމާއި، އައު ބަނދަރެއް ހެދުމާއި އަދި ބޮޑެތި ބޯޓްފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓަރ ކީވޯލްއެއް ހެދުން ހިމެނެއެވެ.
އެ ގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އައު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.
މިހާރު ކުރިޔަށް ދަނީ އައު ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އައު ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.
މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން ރައީސް ވަނީ ހިންނަވަރު ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ވެސް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރަށް އެމަނިކުފާނު މިހާރު ވަޑައިގެންފައިވާއިރު މިރަށްރަށުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް