ރޮނާލްޑޯ އަކީ ތަޖުރިބާއިން ފުރިފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެގޮތުން މެންޗެސްޓާ ޔުނައިޓެޑުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ އިރުޝާދު ވަރަށް މުހިންމު ކަމަށް ޔުނައިޓެޑްގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.
އެންމެ ފަހުން ބްރައިޓަންއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ރޮނާލްޑޯ ބްރައިޓަން ކޮޅަށް ވައްދާލި ހިތްގައިމު ލަނޑު ފާގަހަކޮށް ރޮނާލްޑޯއަށް ތައުރީފު ކުރަމުން ރަންގްނިކް ބުނީ ރޮނާލްޑޯ އަކީ އުމުރުގެ ގޮތުން ކިތެންމެ ދޮށީ ކުޅުންތެރިއެއް ނަމަވެސް ފިޒިކަލްއާއި ތަޖުރިބާ އަދި ހުނަރުގެ ގޮތުން އޭނާ އަކީ ޓީމުގެ އެހެން ކުޅުންތެރިންނާއި އަޅާ ބަލާއިރު، މާ އުހުގައި އުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ތަރުރިބާއާއި އިރުޝާދު ކުލަބުގެ ޒުވާން ކުޅުންތެރިންނަށް ލިބޭނަމަ ޓީމުގެ ފެންވަރު ރަނގަޅުވެ ކާމިޔާބީތައް ހޯދަން ފަސޭހަވާނޭ ކަމަށެވެ.
ރަންގްނިލް އިތުރަށް ބުނީ ރޮނާލްޑޯ އަކީ އާދަޔާ ޚިލާފު ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންރިއެއް ޓީމުގައި ހުރުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ޝަފަކާއި ފަޚުރެއް ކަމަށެވެ. އަދި އެންމެ ފަހުން ބްރައިޓަން އާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެން ދިޔައީ އާދަޔާއި ޚިލާފު މޮޅު ކުޅުމެއް ކަމަށާއި އެ މެޗުގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑަކީ ވަރަށް މުހިންމު ލަނޑެއް ކަމަށް ވެސް އޭނާ ބުންޏެވެ.
" ރޮނާލްޑޯ އަކީ ވަރަށް ތަފާތު އާދަޔާ ޚިލާފު ކުޅުންތެރިއެއް. ތަޖުރިބާ އާއި ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް. އަހަރެން ބޭނުންވަނީ އެ ތަޖުރިބާ އާއި ހުނަރު ކުލަބުގެ ޒުވާން ޖީލަށް ވާސިލް ކޮށްދޭން. ރޮނާލްޑޯގެ އިރުޝާދު ކުލަބުގެ ޒުވާން ކުޅުންތެރިންނަށް މުހިންމު. އެކަން އޭނާ ގެންދަނީ މިހާރުވެސް ކޮށްދެމުން." ރަންގްނިކް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް