ބަނޑު ހިކުން ނުވަތަ ބަނޑު ހަރުވުމަކީ ބޮޑެތި މީހުންނަށް ވެސް އަދި ކުޑަ ކުދިންނަށް ދިމާވާ ވަރަށް އާންމު މައްސަލައެކެވެ. ކުރީކޮޅުގައި ރަނގަޅު ހައްލެއް ނުހޯދިއްޖެ ނަމަ އިތުރު މައްސަލަތައް ކުރިމަތިވުން އެކަށީގެންވާ ކަމެކެވެ. ބޮޑުކަމުދިއުމަކީ ތަބީއީ ކަމަކަށް ވުމުގެ އިތުރުން، ކޮންމެ މީހަކަށް ހިފޭ އާދައެއް ވެސް މެއެވެ. އެކި މީހުންގެ މިއާދަ އަނެއް ބަޔަކާއި ތަފާތު ވެދާނެއެވެ. ވުމާއެކު، ކޮންމެ މީހެއްގެ ވެސް އާންމު ހާލަތު ދެނެގަތުން މުހިންމެވެ.
ބަނޑުހިކުން ކުރިމަތިކުރުވާ އެންމެ މައިގަނޑު އެއްސަބަބަކީ ބޮޑުކަމުދާން ޖެހޭ ހިނދު، ނުވަތަ އެކަމަށް އާދަވެފައިވާ ވަގުތު ބޮޑުކަމު ނުގޮސް ހިފަހައްޓައިގެން ހުރުމެވެ. މިގޮތަށް ހުރުމުން ނަޖިސް ގޮހޮރުގައި ހަރުލާގޮތްވެ ނުވަތަ ޖަމާވާގޮތް ވެއެވެ. މިހެން ހަރުލާހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި، ނަޖިސްހިކި، ހަރުވެ، ބޭރުކުރަން އުދަގޫވާގޮތް ވެއެވެ.
ބަނޑުހިކުން މެދުވެރިވާ ދެވަނަ ސަބަބަކީ ބޮޑުގޮހޮރުގެ ހަރަކާތް ހިނގުން ލަސްވުމެވެ. ގޮހޮރުގެ ހަރަކާތް ހިގުން ލަސްވުމަށް މެދުވެރިވާ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުމާއި، ޕްރޮޓީން އެކުލެވޭ ކާނާ ( މަސް، ބިސް ފަދަ ) ކާނާ ބޭނުންކުރުން ގިނަވުމާއި، އަދި ދިޔާތަކެތި ބުއިންމަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ބަނޑުހިކުން މެދުވެރިކުރުވާ އެހެނިހެން ބައެއް ސަބަބަތުކަކުގެ ތެރޭގައި، ދިރިއުޅުމުގައި ދިމާވާ ފިއްތުއްތަކާ، ހާސްވެ، ފިކުރުބޮޑުވުން، މާޔޫސްވުން، ހެލިފެލިވެ އުޅުން މަދުވުން، މާބަނޑުވުން، ބަރާބަރަށް ނުކެއުން، ބައެއް ބާވަތުގެ ބޭސް ބޭނުންކުރުންފަދަ ކަންކަން ހިމެނެއެވެ. އަދި ހަކުރު ބަލި، ތައިރޮއިޑް ދަށްވުން، އިރިޓަބަލް ބަވަލް ސިންޑްރޯމް، އަދި ފުރަގަސްފަރާތު ބައްޔާ، ގޮހޮރުގެ ކެންސަރު އަދި މިނޫނަސް އެހެން ބަލިތައް ޖެހުމުން ބަނޑުހިކުން ކުރިމަތި ކުރުވައެވެ. ބަނޑު ފަސޭހަކުރުމަށްދޭ ބޭސް މާގިނައިން ބޭނުންކުރުމަކީ އޭގެ ސަބަބުން ގޮހޮރުގެ މަސްތަކުގެ ބާރުދޫވެ، ގޮހޮރުގެ ހަރަކާތަށް ބަދަލު ގެނެސް ބަނޑުހިކުން މެދުވެރި ކުރުވާނެ ކަމެކެވެ.
ބަނޑު ހިކުމުން ރައްކާތެރި ވުމަށް ކެއުމުގައި ފައިބަރު ގިނަ ކާނާގެ ބާވަތްތައް ހިމަނާލުން ވަރަށް މުހިންމެވެ. އެގޮތުން ފައިބަރު އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމަށް ޚާއްޞަ އަހައްމިޔަތު ކަމެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، އާފަލު،އެޕްރިކޮޓް، ނާސްޕާތީ،ޕީޗް، ޕްރޫން، ދޮންކެޔޮ، ތޮރާ، ޒުވާރި، މުގު، ބްރޮކޮލީ، ކޮލި ފްލާވަރ، ފެހިފަތް، ޕާން ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ކަދުރަކީ ވެސް ބަނޑުހަރުވުމުން ދުރުކޮށްދޭ މުހިންމު ކާނާގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް