ދުވަސްފެށުމުގައި ހެނދުނުގެ ނާސްތާގެ މުހިންމުކަން ބޮޑު

ހެނދުނުގެ ނާސްތާއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ވަރަށް މުހިންމު އެއްޗެކެވެ. ހެނދުނުގެ ނާސްތާގައި ގިނައިން ސިއްޚަތައް ފައިދާ ހުރި ކާނާ ހިމަނާލުން ވަރަށް މުހިންމެވެ. ކޮންމެ ދުވަހެއް ވެސް ފެށުމަށް ރަ...

19 Feb 2022 | 03:17

ހެނދުނުގެ ނާސްތާއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ވަރަށް މުހިންމު އެއްޗެކެވެ. ހެނދުނުގެ ނާސްތާގައި ގިނައިން ސިއްޚަތައް ފައިދާ ހުރި ކާނާ ހިމަނާލުން ވަރަށް މުހިންމެވެ.

ކޮންމެ ދުވަހެއް ވެސް ފެށުމަށް ރަނގަޅު ފައިދާ ހުރި ކާނާގެ ބާވަތްތައް އެކުލެވޭ ނާސްތާއެއް ކުރާ ނަމަ، މުޅި ދުވަހުވެސް ކަންކަމުގައި ސަމާލުކަން ދެވޭ މިންވަރު އިތުރުވާނެ އެވެ. އެއީ ވަޒީފާއެއްގައި ވިޔަސް ސްކޫލު ކުއްޖަކު ކިޔަވާއިރު ވިޔަސް މެއެވެ. ނާސްތާ ކޮށްގެން އޮގީހައްދާ މީހުން އެމީހުންގެ މަސައްކަތްތައް ކުރާދެއް މާ ފުރުހަމަވެފަ ބަރާބަރު ކަމަށް ދިރާސާތަކުގައި ބުނެއެވެ. އެއްވެސް ވަރުބަލިކަމެއް ނެތި ފޫހިކަމެއް ނެތި އެ ދުވަހަކު ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާލެވެއެވެ.

ހަމަ އެގޮތައް ރަނގަޅު ނާސްތާއެއް ކޮށްގެން ސްކޫލަށްދާ ކުދިންނަކީ، ކިޔަވައިދޭ އެއްޗެހި ފަސޭހައިން ސިކުނޑިއަށް ނަގައިގަންނަ ކުދިން ކަމަށް އެކި ދިރާސާތަކުން ދައްކަ އެވެ. އަދި ނާސްތާ ނުކޮށްދާ ކުދިން، ކްލާހުގައި ނިދި އައިސް ފިލާވަޅަށް ސަމާލުކަން ދޭން އުނދަގޫވާނެ ކަމަށްވެސް ބުނެ އެވެ. ހެނދުނުގެ ނާސްތާ ރަނގަޅު ނަމަ، މެންދުރުގެ ކެއުމުގެ ވަގުތު ޖެހެންދެން މަސައްކަތް ކުރުމަށް ހަށިގަނޑުގައި ހަކަތަ ހުންނާނެ އެވެ. ބޮޑެތި މީހުންވެސް މިކަމުގައި ހަމަ ކުޑަކުދިންނެކޭ އެއްފަދައެވެ.

ހެނދުނުގެ ނާސްތާގެ ސަބަބުން ޝައުޤުވެރިވުމުގެ ހުނަރު އިތުރުކޮށްދެއެވެ. ހިތުގެ ބަލިތައްޖެހުމުގެ ފުރުޞަތުވެސް ކުޑަކޮށްދެއެވެ. އަދި ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭން އެހީތެރިވެދެއެވެ. އަދި ހަމައެހެންމެ ހަށިގަނޑުގައި ވަރުޖައްސައިދީ ހަކަތަ އިތުރުކޮށްދެއެވެ.

ޞިއްޙީ މާހިރުން ލަފާދޭގޮތުން ދުވާލެއްގެ ކެއުމުގެ ތިން ބައިކުޅަ އެއްބައި ހެނދުނުގެ ނާސްތާގައި ހިމެނެންވާނެއެވެ. އޭގެ ތެރޭގައި ޕްރޮޓީންސް، ހޯލް ގްރެއިންސް އަދި މޭވާ ހިމެނުމަކީ މުހިންމެކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެނދުނުގެ ނާސްތާގެ ގޮތުގައި ބޭނުންކުރާ އެއްޗިހި ތަފާތެވެ. އެހެންނަމަވެސް މިނާސްތާގެ ތެރޭގައި ކާބޯހައިޑްރޭޓް (ޕާން، ރޮށި)، މޭވާ، ތަރުކާރީ، ޕްރޮޓީން (ބިސް، އެއްގަމުމަސް، ކަނޑުމަސް) އަދި ކޮންމެވެސް ބޯއެއްޗެއް (ސައި، ކޮފީ، ތާޒާ ޖޫސް) ހިމެނުމަކީ އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް