ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށްވާ އަލްހާފިޒް އަހުމަދު ނަބީހު ޤުރުއާން ހިތުދަސް ކުރުމުން ސައުދީ އެމްބަސީން 1000 ޑޮލަރާއި ހަތިމެއް ހަދިޔާކޮށްފި އެވެ.
މި ހަދިޔާ ނަބީހު އާއި ހަވާލުކޮށްދެއްވީ މިއަދު ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ހަފްލާއެއްގައި ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މަޓްރެކް އަބްދުﷲ އަލްދޮސަރި އެވެ. މި ހަފްލާގައި ނަބީހުގެ މަންމަ އާއި ބައްޕަ ބައިވެރިވި އެވެ.
ނަބީހު ޤުރުއާން ހިތުދަސް ކުރީ ތިން މަސްތެރޭގައި އެވެ. ލ. މާވަށަށް އުފަން އުމުރުން 14 އަހަރުގެ ނަބީހު ސްކޫލުން ކަނޑާލީ ނުކުޅެދުންތެރިކަމެއް ހުންނާތީ އެވެ.
ސައުދީ ސަފީރު ނަބީހުއަށް 1000 ޑޮލަރާއި ހަތިމެއް ހަދިޔާއެއްގެ ގޮތުގައި ދީފައިވާއިރު މިއަދު އިސްލާމިކް ޔުނިވާސިޓި އޮފް މޯލްޑިވްސް އިން ވަނީ ނަބީހުއަށް ޤުރުއާނުގެ އިލްމުން މާސްޓާސް އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ދީފައި އެވެ. އެ ޔުނިވާސިޓިގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ނަބީހުއަށް އެޔުނިވާސިޓީއިން ގުރުއާނާ ބެހޭއިލްމުން ސެޓްފިކެޓް ލެވަލްއިން ފެށިގެން މާސްޓާސް އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް