ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ރީ ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މުއްދަތުގައި އަލުން ރެޖިސްޓްރީ ވާން ޖެހޭނީ ކުރިން ވޯޓުލާން ރެޖިސްޓްރީ ކުރި ތަން ބަދަލުވާ މީހުންނާއި އަލަށް ވޯޓާސް ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން އެހެން ތަނަކަށް ރެޖިސްޓްރީ ވާން ބޭނުންވާ މީހުން ކަމަށެވެ.
ކައުންސިލް އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހުތައް ފަސް ކުރަމުން ގޮސް މިހާރު އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ.
އެންމެ ފުރަތަމަ އިންތިހާބު ފަސްކުރަން ޖެހުނީ ޕީޕީއެމްއަށް ތައްޔާރު ނުވެވޭތީ ސިވިލް ކޯޓުން އަމުރުކޮށްގެންނެވެ. ދެވަނަ ފަހަރު ފަސްކުރަން ޖެހުނީ އިންތިހާބު ބާއްވަން ކަނޑައެޅި ތާރީހަށް ސްކޫލްތައް ދޫކުރުމުގައި އުނދަގޫތަކެއް ހުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް