ސަރުކާރު ވައްޓާލުމަކީ ގާނޫނު އަސާސީގައި ލިޔެފައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކާނިވަލުގައި ބެއްވި އެޕާޓީގެ ޖަލްސާގައި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ ގާނޫނުއަސާސީ ހިމާޔަތްކުރަން ނިކުންނަން ޖެހޭނީ ގާނޫނުއަސާސީ އަށް ފުރިހަމަ އަށް ތަބާވެ، އެއާ އެއްގޮތަށް އަމަލުކުރާ ބައެއް ކަމަށެވެ. ގާނޫނުއަސާސީގެ ހިމާޔަތުގައި މިހާރު ނުކުމެގެން އުޅޭ މީހުންނަކީ އެފަދަ ބައެއްތޯ ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ބުނެ، ބަޔަކު ނުކުމެ ސަރުކާރު ވައްޓާލާ ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ބަދަލުކުރާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ ޖާނުން ފިދާވެގެން ނޫން ކަމަށާއި ޑިމޮކްރަސީގައި އަދި ގާނޫނުއަސާސީގައި އެކަން ކުރަން އޮންނަނީ މިނިވަން އިންތިހާބަކުން ކަމަށެވެ.
"ގާނޫނުއަސާސީއާ ހިލާފުވި ބަޔަކު ކިހިނެއްތޯ ގާނޫނުއަސާސީ ހިމާޔަތްކުރާނީ؟ މަގުމަތިން ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ބަޔަކު ނުވަތަ ޖާނުން ފިދާވާން މަސައްކަތްކުރާ މީހުން ކިހިނެއްތޯ ގާނޫނުއަސާސީ ހިމާޔަތްކުރާނީ؟" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ހިމާޔަތްކުރުމަކީ ޕީޕީއެމްގެ ވެސް މަގްސަދެކެވެ. ގާނޫނުއަސާސީއަކީ ހައްގުތައް ކަށަވަރުކޮށްދި ހަމަހަމަކަން ގާއިމްކޮށްދޭ ލިއުން ކަމަށާއި ގާނޫނުއަސާސީ ހިމާޔަތްކުރުން ހުރިހާ ރައްޔިތުންގެ މައްޗަށް ވެސް ލާޒިމްކުރާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހޭނީ ގައުމުގެ އަމާންކަމާއި ވިޔަފާރިވެރިންނަށް ވެސް ދަތިނުވާނެ ގޮތަކަށް ކަމަށެވެ. އޭރުން އެ މަސައްކަތަކީ ދެކޮޅު ނުޖެހޭ މަސައްކަތެއް ކަމަށް ރައްޔިތުން ނުބުނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް