ކޮންމެ ހައިސިއްޔަތެއްގެ ކޮންމެ ދަރަޖައެއްގެ މީހަކުވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ މީހެއްގެ ގޮތުގައި ބަލައި ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅަން ތައްޔާރަށް ކޮންމެ ފުލުހަކުވެސް ތިބޭނެ ކަމުގެ ޔަޤީންކަންވެސް ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް އަރުވައިފި އެވެ.
މި ޔަގީންކަން ފުލުހުންގެ ފަރާތުން ޕޮލިސް ކޮމިޝަނަރަށް އެރުވީ މިއަދު ކުރިއަށްދިޔަ ފުލުހުންގެ މެނޭޖްމަންޓް ބޯޑު ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި މެނޭޖްމަންޓު ބޯޑުގެ މެމްބަރުން ވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަށުތެރެ ހަލަބޮލިކޮށް، ބައެއް ފަރާތްތަކުން ޤާނޫނު ތަކާއި އުޞޫލުތަކާ ޚިލާފަށް ހިންގާ ޙަރަކާތްތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ސަފުތައް ބަދަހިކަމާ ސާބިތުކަމާއެކު ދެމި އޮތްކަމުގެ ޔަޤީންކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދަށް އަރުވާފަ އެވެ.
އަދި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ފުލުހުންނާ މަތިކޮށްފައިވާ ޤައުމީ އަދި ޤާނޫނީ ވާޖިބު އަދާކުރުމުގައި ނުގުޑާ ފަދަ ޢަޒުމެއްގައި ސާބިތުކަމާއެކު ދިވެހި ފުލުހުންގެ ސަފުތައް އެކަތި ގަނޑެއްގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަންވެސް އެ މެމްބަރުން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަށް އަރުވާފަ އެވެ.
މިއަދު އޮތް މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންގެ ފަރާތުން ދެއްވި ޔަޤީންކަމަކީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ފުލުހުން ދެއްވި ޔަޤީންކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ފުލުހުންގެ ސަފުތައް އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ތައްޔާރީ ޙާލަތުގައި އަބަދިވެސް ތިބެން ޖެހޭނެ ކަމަށާއި ޤާނޫނާ ޤަވާޢިދާ ޚިލާފަށް ކަންކަން ކުރުމުގެ ފުރުޞަތު ހަމައެއްވެސް މީހަކަށް ދެވިގެން ނުވާނެ ކަމަށް އަދި ހަމައެހެންމެ ރަށުތެރެ ހަލަބޮލިކޮށް ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށް ހުރަސްއެޅޭގޮތަށް މަސައްކަތްކުރާ ކުރުންތައްވެސް ވަގުތުން ހުއްޓުވައި ރައްޔިތުންނަށް އަބަދުވެސް ރައްކާތެރިކަން ކަށަވަރުވެފައި އޮތްކަން ޔަޤީން ކޮށްދޭން ޖެހޭނެކަމަށްވެ ސީޕީ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ފުލުހުންނަކީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރަންޖެހިފައިވާ ބަޔަކަށްވިނަމަވެސް ފުލުހުންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަން ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ޑައިރެކްޓްރޭޓްތަކާއި ކޮމާންޑްތަކުގެ ވެރިން ކޮށްދެއްވަން ޖެހޭނެ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ފުލުހުން މަސައްކަތުގައި ހޭދަކުރާއިރުވެސް ފުލުހުންގެ ޢާލާތަކަށް ދޭންވާ އަޅާލުމާއި އޯގާތެރިކަން ދިނުމުގައި ދެމިތިބުމަށާއި ރައްޔިތުންނަށް ހިނތުންވުމާއެކު ކުރިމަތިލައި އިޙްތިރާމާއެކު މުޢާމަލާތް ކުރުމަށް ހުރިހާ ފުލުހުންނަށް އަބަދުވެސް ހަނދާންކޮށްދެއްވަން ޖެހޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުން ތިބެންޖެހޭނީ އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްގެ ގޮތުގައި ކަމަށާއި މަދަދަށް އެދޭ ރައްޔިތުންގެ މަދަދުގާރުންގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުން ތިބެންޖެހޭނީ ޒުވާނުންނަށް ރީތި ނަމޫނާ ދައްކައި ހަރުމީހުންނާ ދުވަސްވީ މީހުންނަށް އިޙްތިރާމްކޮށް ކުޑަކުދިންނަށް ކަމޭހިތާ ބައެއްގެ ގޮތުގައި ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް