މާލޭގައި ހަދާ އިމާރާތްތަކަށް ބޭނުންވާ ސިމެންތި ގަށަން އެސްޓީއޯ އަށް ހާއްސަ ބިމެއްދީ، އެ މަސައްކަތް އެ ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިމެންތި ގެށުމުގެ މަސައްކަތް ނުވަތަ "ރެޑީ މިކްސް" އެމްއޯޔޫގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
އެ އެއްބަސްވުމުގެ ދަށުން މާލޭގެ މަގުތައް ބަންދު ކޮށްގެން ސިމެންތި ގެށުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެ މަސައްކަތް ކުރާނީ އެސްޓީއޯއިން ހަދާ ބިމުގައި އެވެ. އެ މަސައްކަތް ކުރުމަށް އެސްޓީއޯއަށް ދީފައިވަނީ މާލޭ ދެކުނު ފަރާތުގައި އޮންނަ ހަ ނަމްބަރު ކޮށްޓެވެ.
ސިމެންތި ގެށުމުގެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރިއަސް އަމިއްލަ ފަރާތްތަކުން އެކަން ކުރުން މަނައެއް ނުކުރެ އެވެ.
އެސްޓީއޯއިން ބުނީ އެ ބިމުގައި ސިމެންތި ގަށައި، އިމާރާތްކުރާ ސަރަހައްދަށް އެ ކުންފުނީގެ ވެހިކަލްތަކުގައި މުވައްޒަފުން ސިމެންތި ގެންގޮސްދޭނެ ކަމަށެވެ. އެ ކުންފުނިން ސިމެންތި ގަށައި ކުޑަ އަގެއްގައި ވިއްކާނީ ޓެސްޓުކޮށް، އެއީ މޮޅު ކޮލިޓީގެ ކޮންކްރީޓް ކަމުގެ އިތުބާރާއި ޔަގީންކަމާ އެކުގައި ކަމަށް ވެސް ބުނެ އެވެ.
ސިމެންތި ގެށުމުގެ މަސައްކަތް ކުރުމަށް ވަކި ހާއްސަ ބިމެއް އެސްޓީއޯއާއި ހަވާލު ކުރިނަމަވެސް އެ ހިދުމަތް ދޭން ފަށާނެ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް