ހުމާމް، އަފްރާޝީމް އަވަހާރަކޮށްލިތަން ދުށްކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައެއް ނެތް: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލިކަން ސާބިތުވާތީ ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުލަތުން ހުށަ...

19 Feb 2015 | 08:48

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލިކަން ސާބިތުވާތީ ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ޝައްކުތަކެއް ހުއްޓާ ކަމަށް ހުމާމްގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވާތީ ހުމާމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހުމާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހުމާމް އެއްވެސް މީހަކު މަރާލިތަން ދުށް ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައިނުވާ ކަމަށް ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ އަފްރާޝީމް މަރާލި ކަމަށް ޝަރީއަތުގައި ހުމާމް އިއުތިރާފްވި ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ކުރިން ވެފައިވާ އިއުތިރާފްތައް އަނބުރާ ގެނެވިދާނެ ކަމަށެވެ. އަދި އިއުތިރާފުން ރުޖޫއު ނުވެވޭނެ ކަމަށް އިލްމުވެރިން ބުނާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނި ނަމަވެސް އެ ހުކުމުގައި ހަވާލާދީފައިވަނީ އެގޮތަށް ބުނާ އެންމެ އިލްމުވެރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސީން ވިދާޅުވި ގޮތުގައި ދިފާއުގައި ހެކި ހުށަހަޅަން ދަށު ކޯޓުން ހުމާމަށް ފުރުސަތު ދީފައި ނުވާތީ ދައުވާއިން ދިފާއުވުމުގެ ހައްގު ހުމާމަށް ގެއްލިފައިވާ ކަމަށެވެ. އެކަންކަން ފާހަގަކޮށް ހަސީން އެދިވަޑައިގަތީ ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ބާތިލްކޮށް ދިނުމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ޕީޖީ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ތައުފީގު ވިދާޅުވީ ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ބުނާއިރު އެއީ ކޮން ފުށުއެރުންތަކެއް ކަން ހުމާމްގެ ވަކީލަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި މިމައްސަލާގައި ނަގައިފައިވާ ބަޔާން ތަކާއި، މުއްދަތު ޖެހުމަށް ބޭއްވި މަޖިލީހުގައި ހުމާމް ކުށަށް އިއުތިރާފްވެފައިވާ ކަމަށާއި އިއުތިރާފަކީ ކަންކަން ސާބިތުކުރަން އޮންނަ އެންމެ މަތީ ދަރަޖަ ކަމަށްވާތީ އިއުތިރާފަށް އެކަނި ބިނާކޮށްގެން ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވ

މީގެ އިތުރުން ހުމާމް ވެފައިވާ އިއުތިރާފް ރުޖޫއަ ކުރެވޭ ވަރުގެ އެއްވެސް ހުއްޖަތެއް ހުމާމަށް ދެއްކިފައި ނުވާ ކަމަށާއި، ހުމާމަށް ދިފާއުގައި ހެކި ހުށަހަޅަން ދަށުކޯޓުން ތަކުރާރުކޮށް ފުރުސަތު ދިނުމުންވެސް އެ ފުރުސަތުގެ ބޭނުން ހުމާމް ކޮށްފައިނުވާ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އިއުތިރާފްވުމަށް ފަހު އެ އިއުތިރާފް އަނބުރާ ނުގެނެވޭނެ ކަމަށާއި އިސްލާމް ދީނުގައި ވެސް އިއުތިރާފް އަނބުރާ ގެނެވެނީ ހަމައެކަނި ޒިނޭގެ މައްސަލަތަކުގައި ކަމަށެވެ. އެކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ ދަށު ކޯޓުގެ ހުކުމަށް ބަދަލެއް ނުގެނެސް އެ ހުކުމް ރަނގަޅު ކަމަށް ނިންމައި ދިނުމަށެވެ.

މިމައްސަލާއިގައި ދެން ބާއްވާ އަޑުއެހުމެއްގައި ހުމާމްގެ ވަކީލަށް ވާހަކަ ދެއްކުމަށް ފުރުސަތު ދޭނެ ކަމަށްވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި ހެކިންގެ ހެކިބަހުގައި ހުރި ކަމަށް ހުމާމްގެ ފަރާތުން ފާހަގަކުރާ ޝައްކުތަކަކީ ކޮބައިކަން ތަފްސީލުކޮށް ދިނުމަށާއި ދައުލަތުން ދެއްކި ވާހަކަތަކުގައި ހަވާލާދީފައިވާ ލިޔުންތަކުގެ ރިފަރެންސް ހުށަހަޅަން ވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ އަންގާފަ އެވެ.

އެ މައްސަލަ ބައްލަވަނީ ހައިކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގެންނަވާ ބެންޗަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް