މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓްތައް ހިމެނޭ ކަމަށް ބެލެވޭތީ އެ ކަމަށް ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އެކަންކަން އެކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެ ކޮމިޝަނުން ވަނީ މާލޭގައި މިހާރު ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ޤގައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަށް ހިތްވަރު ލިބި، ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
"ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ." އެ ކޮމިޝަނުން ނެރުނު ސާކިއުލާގައި ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ސާކިއުލާގައި މުޒާހަރާފަދަ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް