ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން: ކުޑަކޮށް ލަސްވިނަމަވެސް މިއަދު މިނިވަންކުރާނެ ތިން އަސީރުންގެ ނަން ހަމާސް އިން އާންމުކޮށްފ

އިސްރާއީލުން ޣައްޒާއަށް ދެމުންއަންނަ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުން ކުޑަކޮށް ލަސްވިނަމަވެސް މިއަދު މިނިވަންކުރާނެ ތިން އަސީރުންގެ ނަން ހަމާސް ޖަމާޢަތުން އާންމުކޮށް...

19 Jan 2025 | 09:11

އިސްރާއީލުން ޣައްޒާއަށް ދެމުންއަންނަ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުން ކުޑަކޮށް ލަސްވިނަމަވެސް މިއަދު މިނިވަންކުރާނެ ތިން އަސީރުންގެ ނަން ހަމާސް ޖަމާޢަތުން އާންމުކޮށްފިއެވެ.

ޤަތަރު މެދުވެރިވެ އިސްރާއީލާއި ހަމާސް އިން އެއްބަސްވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށަން ތާވަލުކުރެވިފައި އޮތީ ރާއްޖޭ ގަޑިން ބަލާނަމަ މިއަދު ހެނދުނު 11:30 އަށެވެ. އެހެންނަމަވެސް މިއަދު މިނިވަންކުރާނެ ތިން އަސީރުންގެ ނަން ހަމާސް އިން ދިނުން ލަސްވެފައިވާތީ އެއްބަސްވުމަށް އަމަލުކުރަން ފެށުން ވަނީ ކުޑަކޮށް ލަސްވެފައެވެ.

ހަމާސްއިން އާންމުކުރި ތިން ނަމަކީ އުމުރުން 24 އަހަރުގެ ރޯމީ ގޮނެން ނަމަކަށްކިޔާ މީހަކާއި އުމުރުން 28 އަހަރުގެ އެމިލީ ޑަމާރީ ނަމަކަށްކިޔާ މީހަކާއި އުމުރުން 31 އަހަރުގެ ޑޮރޯން ޝްތާންބަރް ޚެއިރް ނަމަކަށްކިޔާ މީހެކެވެ. އެއީ ތިން އަންހެނުންނެވެ.

މި ނަންތައް ދިނުން ލަސްވީ ބޯ މަތިން ހުއްޓުމެއްނެތި އިސްރާއީލުގެ ޖެޓުތައް އުދުހެމުންދާއިރު އަދި ހަމާސްގެ ވެރިން މުއާމަލާތް ކުރަނީ މީހުން ފޮނުވައިގެން މެސެޖު ބަދަލުކޮށްގެން ކަމުގައިވާތީ ހުރި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމަށް ހަމާސް އިން ބުނެފައިވެއެވެ.

މިއަދު ހެނދުނު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ހަމާސްއިން އެ ނަންތައް ދިނުމުން ކަމަށެވެ.

ހަމާސް އިން ނަންތައް ދިނުން ލަސްވުމުންވެސް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލަތަކެއް ޣައްޒާއަށް ދީފައެވެ. އެ ހަމަލަތަކުގައިވެސް 10 މީހަކު ޝަހީދުވެ 25 މީހަކު ޒަޚަމްވެފައިވާކަމަށް ޣައްޒާ ސިވިލް ޑިފެންސުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް