މާފުށި ޖަލުގައި ކަސަބު ގެތުމާ ބެހޭ ވޯކްޝޮޕެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައ...

19 Jan 2024 | 14:27

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ ޤައިދީންނަށް މަސައްކަތްތައް ދަސްކޮށްދިނުގެ މަޝްރޫޢުގެ ތެރެއިން، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އިއްޔެ ފެށިއްޖެއެވެ.

ކަސަބު ގެތުން ތަޢާރަފްކޮށްދޭ މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ ފަސް އަންހެން އޮފިސަރުންނާއި ތިން ފިރިހެން އޮފިސަރުންނެވެ. މި ވޯކްޝޮޕްއަށްފަހު، ބައިވެރިވި އޮފިސަރުން 14 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކޮށް، ކަސަބު ގެތުން ދަސްކުރުމަށްފަހު، އެ އޮފިސަރުން މެދުވެރިކޮށް ޤައިދީންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.

ކަރެކްޝަންސް އިން ބުނީ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ތެރެއިން ކުރިއަށް ގެންދާ މިފަދަ ޕްރޮގްރާމްތަކަކީ ޤައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކުގައި ފައިދާކުރުވަނިވި ދުވަސްތަކެއްކަމުގައި ހެދުމަށާއި، ކުށްކުރުމުން ދުރުހެލިކޮށް، ރަނގަޅު ފަރުދުންގެ ގޮތުގައި އަނބުރާ މުޖުތަމަޢުއަށް ނިކުމެ އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުމެވެ.

މާފުށީ ޖަލުގައި މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް