އިންފްލުއެންޒާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދަމަނަވެށިން ޖަހައިދޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހޭނީ ޑޮކްޓަރުގެ ބޭސް ސިޓީއެއްގެ ދަށުން ކަމަށެވެ. ހަ މަހުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ ކަމަށާއި ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ޖަހާނީ ތަފާތު ވެކްސިން ކަމަށް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރު މިހާތަނަށް އިންފްލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.
އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް ޖުމްލަ 154 މީހަކު ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ. އަދި މި ފަހުން މި ބަލީގައި ޒުވާނަކު ވަނީ މަރުވެސް ވެފައެވެ.
އިންފްލުއެންޒާ އަދި ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ހުން އައިސް، ރޯގާ ޖެހި 3 ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ކެއްސުން، ކަރުގައި ރިއްސުން، ބޭރަށް ހިނގުން، ހުން އައުން، ވަރުދެރަވުން އަދި ގައިގައި ރިހުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް