ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.
އެ އިދާރާ އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔަތުގެ ޢިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ ނެޝަނަލް އިންސްޓިޓިއުޓް ފޮރ މޯލްޑިވިއަން ހެރިޓޭޖް ރީސާޗް އެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ޙައްޤުގައި ޚިދުމަތްކުރުމުގެ ވިސްނުމާއި ރޫޙު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ޤައުމިއްޔަތާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމާއި އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް