ހުޅުމާލެ ދެވަނަ ފޭސްގައި ހަދާ ދާއިމީ މިސްކިތް ރޯދައަށް ހުޅުވާ، އެ މިސްކިތުގައި ދަމު ނަމާދުކުރުންވެސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސާޢީދު ވިދާޅުވެއްޖެއެވެ.
މިސްކިތްތައް އިމާރާތްކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލެވުމުގެ ގޮތުން، މިނިސްޓަރ ވަނީ 6 މިސްކިތެއްގެ ސައިޓްތަކަށް ޒިޔާރަތްކުރައްވާފައެވެ.
އެ ޒިޔާރަތުގެ ތެރެއިން ފޭސް ދެއެއްގައި ބިނާކުރަމުން އަންނަ ދާއިމީ މިސްކިތް ސައިޓަށް ވަޑައިގެން ބައްލަވާލަމުން މިނިސްޓަރ ވިދާޅުވީ ފޭސް ދެއެއްގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ފޭސް ދެއެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ރީތިކޮށް ކިޔަވާ އިލްމީ ފަރާތްތައް ކަމަށާއި، ޚާއްސަކޮށް ޙާފިޒުންނަށް އިސްކަން ދެއްވާނެ ކަމަށެވެ.
ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 3000 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތަކާއި 1162 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅަމުންދާ ދާއިމީ މިސްކިތްތައް ބިނާކޮށް ނިންމުމުގެ މަސައްކަތް މިދަނީ ވަރަށް ގާތުން ބަލަމުން. އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތެއްގެ ތެރެއިން 1500މީހުންގެ ޖާގައިގެ ދާއިމީ ބޮޑު މިސްކިތެއް މި ރޯދައަށް ނިމޭނެ. އިންޝާ ﷲ.." މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާއެކު އެޗްޑީސީން ހުޅުމާލެ ދެވަނަ ފޭސްގައި މިހާރު ހަދަމުންދާ ވަގުތީ މިސްކިތަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ.
އެބޭފުޅުންގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ރަމަޟާން މަސް ފެށުމުގެ ކުރިން މިސްކިތުގެ މަސައްކަތް ނިންމުމުގެ މަޤްޞަދުގައި މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމެވެ. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން މިހާރު ހަދަމުންދާ މިސްކިތަކަށްވެސް ޒިޔާރަތް ކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ 3000 މީހުންގެ ޖާގައިގެ ގޮތުގައި ފަރުމާކޮށްފައިވާ މި މިސްކިތަކީ ދީނީ އުމްރާނީ ތަރައްގީގެ ރޮނގުން ފާހަގަކޮށްލެވޭ ޕްރޮޖެކްޓެއް ދައްކުވައިދޭ މިސްކިތެއް ކަމަށެވެ. މުނި ހޯމްކެއާއިން ހަދަމުން އަންނަ މިސްކިތަކަށްވެސް އިސްލާމިކް މިނިސްޓްރީން އެޗްޑީސީއާއެކު ޒިޔާރަތް ކުރައްވާފައިވާއިރު، އެއީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މީގެ އިތުރުން، ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުން މިހާރު ހަދަމުންދާ މިސްކިތަކަށްވެސް އިސްލާމިކް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިން ޒިޔާރަތް ކުރައްވާފައިވާއިރު، މި މިސްކިތަކީ 2800 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިސްކިތެކެވެ.
ވިނަރެސްއާ ވަރަށް ކައިރީގައި ބިނާ ކުރާ މިސްކިތެއް ބައްލަވާލެއްވުމަށްވެސް އިސްލާމިކް މިނިސްޓަރ ޒިޔާރަތް ކުރައްވާފައިވާއިރު، މި މިސްކިތް ފަރުމާކޮށްފައި ވަނީ 700 މީހުންނަށް ނަމާދު ކުރެވޭ ގޮތަށެވެ.
"އިންޝާ ﷲ ފޭސް 2ގެ މިސްކިތްތައް ނިމޭ އިރު އެތަން ވެގެންދާނީ ރީތި ފުރިހަމަ މިސްކިތްތަކެއް ހުރި އަވަށަކަށް. އެހެން މިސްކިތްތައް ރޯދައިގެ ފަހަށް ނިންމޭނެ. ހުރިހައި ދާއިމީ މަޝްރޫޢެއް ގިނަވެގެން 2 އަހަރު ތެރޭ އިންޝާ ﷲ ނިންމޭނެ. އަހަރުތަކެއް ވެފައިވާ ބައެއް މަޝްރޫޢުތައް އިންޝާ ﷲ ދެން ލަސްތަކެއް ނުވެ ނިމޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުގެ މަޤްޞަދަކީ ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައި، މި މުހިންމު މިސްކިތުގެ ތަރައްޤީގެ މަޢުލޫމާތު ހޯއްދެވުމެވެ. އަދި ރަމަޟާން މަސް ކައިރިވަމުން އަންނާތީ، މިމަޝްރޫޢުތައް މާތް މައްސަރުގެ ކުރިން ނިންމުމަށް ހިތްވަރުދެއްވައި އަވަސް ކޮށްދެއްވުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް