ބޭންކަށް ދައްކަންޖެހޭ ލޯނުތަކެއް ނުދައްކައިގެން ދެ ރިސޯޓެއް ވިއްކާލަން ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އިއުލާނުކޮށްފިއެވެ.
އެސްބީއައި އިން ވިއްކާލަން އިއުލާނުކޮށްފައި ވަނީ ށ. އަތޮޅު ދޮޅިޔަދޫ ރިސޯޓާއި އަލްފާ ކިނަމް ހޯލްޑިންގްސްގެ މ. އަތޮޅު ގަސްވެލިދޫ ރިސޯޓެވެ.
ދޮޅިޔަދޫ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފައި ވަނީ ދޮޅިޔަދޫ އިންވެސްޓްމަންޓުން ނަގާފައިވާ ލޯނުތަކެއް ނުދެއްކުމުން އިންޓަރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ނުދެއްކުމުން 2015 ވަނަ އަހަރު ސިވިލް ކޯޓުން އެސްބީއައި އަށް އެ ހުއްދަ ދީފައި ވާތީއެވެ. އެގޮތުން ދޮޅިޔަދޫ ރިސޯޓު ވިއްކާލަން ހަމަޖެހިފައި ވަނީ 33 މިލިއަން ޑޮލަރަށެވެ.
މ. ގަސްވެލިދޫ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފައި ވަނީ އަލްފާ ކިނަމް ހޯލްޑިންގްއާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަފަރާތަަކުން ދޫކުރި 35 މިލިއަން ޑޮލަރު ނުދެއްކުމުން އެ ރިސޯޓު ވިއްކާލަން ކޯޓުން ހުއްދަ ދީފައިވާތީއެވެ.
އަދި ގަސްވެލިދޫ ރިސޯޓު ވިއްކާލަން ހަމަޖެހިފައިވަނީ 17 މިލިއަން ޑޮލަރަށެވެ.
ދޮޅިޔަދޫ ރިސޯޓާއި ގަސްވެލިދޫ ރިސޯޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެސްބީއައި އިން މިހާރު ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް