އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި އެއްބަސް ވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށް އދ. ދަނގެތީ މަހުމޫދު އަބޫބަކުރު ގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ބަނގުލާދޭޝްގެޝާ އަލޮމް މިއާ (ސާލިމް) ބުނެފިއެވެ.
އޭނާ މިހެން ބުނީ އެ މައްސަަލައިގާ މިއަދު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދެވީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
މިއަދުގެ އަޑު އެހުމުގައި ސާލިމަށް ލިބިފައިވާ ހައްގުތައް ސާފު ކޮށްދިނުމާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަދި އެ މައްސަލައިގައި އޭނާގެ މައްޗަށް އަންނާނެ ހުކުމް އޮޅުން ފިލުވައިދިނުން ފުަރަތަމަ ކުރިއަށް ގެންގޮސްފައިވާ އިރު، ދައުލަތުގެ ވަކީލާ އައިޝަތު މުނާ ވަނީ މަރުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރަށް މަރު ހިފުމުގެ ހުކުމެއް ވިދާޅުވެފައެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެއްޖެ ނަމަ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަން ވަކީލާ ވަނީ ސާލިމަށް ސާފުކޮށްދެއްވާފައެވެ.
މީގެ އިތުރުން ދައުވާއަށް އިއުތިރާފު ވެއްޖެނަމަ ލިބޭނެ ލުއިތައް ވެސް ސާފުކޮށްދެއްވާފައިވެއެވެ.
ދައުލަތުގެ ވަކީލާ އައިޝަތު މުނާ ދައުވާ އިއްވެވުމުން މި މައްސަލައިގެ ތަގީގުގައި މަހުމޫދު މަރައިލި ކަމަށް އެއްބަސްވި ގޮތަށް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ސާލިމް ވަނީ އެކަަމަށް އެއްބަސް ވެފައެވެ.
މިއަދުގެ އަޑުއެހުމުގައި ސާލިމަށް ދައުލަތުން ހަމަޖައްސަވައި ދެއްވި ގާނޫނީ ވަކީލު، މަޖީދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ސާލިމް ގެ އެދުމުގެ މަތީން ހަމަޖައްސައިދިން ވަކީލެކެވެ. ސާލިމް ބުނެފައިވަނީ ވަކީލާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށާއި ދައުލަތުގެ ވަކީލަކު ބޭނުންވީ އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް ފައިސާ ނެތުމުން ކަމަށެވެ.
އެހެންވެ، މިއަދުގެ ޝަރީޢަތުގައި ސާލިމް ވާހަކަ ދައްކާފައިވަނީ ވަކީލުގެ އެހީތެރިކަމާއެކުގައެވެ. ސާލިމް ބުނީ އެކަމަށް އިއުތިރާފުވާ ކަމަށާއި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އެކަމަށް އެއްބަސް ވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށާއި އެއީ ޝައިތާނާ ބޮލަށް ވަދެގެން ކުރި ކަމެއް ކަމަށް ވެސް ސާލިމް ބުންޏެވެ.
އެކަމަށް ސާލިމް އިއުތިރާފު ވެފައިވާތީ، އިއުތިރާފު އެއްބަސްވުން ހެދުމާބެހޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ މިއީ މަރުގެ މައްސަލައަކަށް ވެފައި މަހުމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުން ނުހަދަން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ދިފާއީ ވަކީލު ވިދާޅުވީ ސާލިމް މައްސަލައިގައި ވެސް އިއުތިރާފު އެއްބަސްވުން ހެދުމުގެ އިޚްތިޔާރު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެ، އޭނާ އެކަން ކުރީ ޝައިތާނާ ބޮލަށް އެރިގެންކަމަށް ސާލިމް ބުނެފައިވާ ކަމަށާއި، އެކަމަށް ޓަކައި އޭނާ މައާފަށް އެދިފައިވާކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް