ޢުލޫމުލް ޤުރުއާން 2 ގެ ނަމުގައި 2019 ވަނަ އަހަރު ހުޅުވި ޤުރުޢާން ކުލާސް ޖާގަ ތަނަވަސް ޢިމާރާތެއްގައި މ. ހުސްނޫވިލާގޭގައި ގިނަ ޖާގަތަކަކާއި އެކު ކިޔަވައިދެން ފަށައިފިއެވެ.
ޢުލޫމުލް ޤުރުއާން އިން މައްޗަންގޯޅީ ގައި ކިޔަވައި ދެމުން އަންނަ ކުލާސްތަކާއި އެއްގޮތަށް މާފަންނުގައި ހުޅުވި ގޮފިން ވެސް ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 07:00 އިން ފެށިގެން ރޭގަނޑު 20:00 އާއި ހަމައަށް ކުލާސްތަކުގައި ކިޔަވައިދޭނެއެވެ.
ޢުލޫމުލް ޤުރުއާން ކްލާސްގެ ވެރި ފަރާތް ކަމުގައިވާ އާއިޝަތު ސާފިޢާ ( ސާފިޢާ މިސް) ދުވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ކްލާސްތައް ކުރިއަށް ގެންދަނީ 18 އަހަރުން ދަށުގެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އެގޮތުން އެލްކޭޖީ އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް މި ކްލާސްތަކުގައި ދަރިވަރުންނަށް ކިޔަވައި ދޭނެއެވެ.
ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ޢުލޫމުލް ޤުރުއާނުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅިފައިވެއެވެ. މިގޮތުން މި ކުލާސްތަކުގައި ހުން ބަލާ އަތް ދޮވެ، ސެނިޓައިޒް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ. އަދި ދަރިވަރުން ބައިތިއްބަނީ ގައިދުރުކޮންނެވެ.
މި ކުލާސްތަކުގެ މުޤައްރަރު ކަނޑައަޅާފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެން ޙިފްޘު، ތިލާވާ އަދި ފިލި ކުލާސްތައް ވެސް ހިމަނައިގެންނެވެ. ޢުލޫމުލް ޤުރުއާނުގެ ޙިފްޡު މުގައްރަރު ރޭވިފައިވަނީ މުޅި މުސްޙަފް ހިތު ދަސް ކުރެވޭ ގޮތަށެވެ.
އަދި ދަރިވަރުންގެ އަރަބި ލިޔުމުގެ ފެންވަރު ރަނގަޅު ކުރުުމުގެ ގޮތުން މި ކްލާސްތަކުގައި ރީތިކޮށް އަރަބި ލިޔަން ދަސްކޮށްދޭނެއެވެ.
މި ކުލާސްތަކުގައި ދަރިވަރުން ޤުރުއާނަށް އަހުލުވެރި ކުރުވުމުގެ ގޮތުން ޤުރުއާނުގެ ތެރެއިން ދުޢާ ތައް ހޯދައިގެން ދަސްކޮށްދިނުމުގެ ބައިވެސް ކުރިއަށް ގެންދެއެވެ.
ސާފިޢާ މިސް ވިދާޅުވިގޮތުގައި ކިޔަވައި ދިނުމުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން މި ކުލާސްތަކަށް ޓީޗަރުން ނަގާއިރު އަބަދުވެސް ނަގަނީ ޤުރުއާން ޓީޗިން ފުރިހަމަ ކޮށްފައި ތިބި ކަމަށް ޤާބިލް ފަރާތްތަކެވެ. އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ޢުލޫމުލް ޤުރުއާން ގައި އަބަދުވެސް ކިޔަވައިދޭނީ މުޅިންވެސް އަންހެން ޓީޗަރުންނެވެ.
އަލަށް ފަށަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ކުދިންނަށް އަމާޒު ކޮށްގެން ޢުލޫމުލް ޤުރުޢާނުގެ ދެ ގޮފީގެ ދެމެދުގައި ޤުރުޢާން މުބާރާތްތައް ބޭއްވުމާއި ނަމާދު ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި މީގެ އިތުރުން އޮންލައިން ކޮށް ކިޔަަވައި ދިނުމާއި ޤާރީ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، މާލީގޮތުން ދަރިވަރުންގެ ފީ ދައްކައިގެން ކިޔަވަދެވެން ނެތް ފަރާތްތަކަށް ހިލޭ ކިޔަވައިދިނުމުގެ އިންތިޒާމް ކުރިއަށް އޮތްތާގައި ހަމަޖައްސާނެ ކަމުގައި ސާފިޢާ މިސް ވިދާޅުވިއެވެ.
މާފަންނުގައި ހުޅުވި ޢުލޫމުލް ޤުރުއާން 2 ގެ ކްލާސްތަކުން ޖާގަ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ކްލާސްތަކުން ޖާގަ ބޭނުންވާ ފަރާތްތަކަށް 9940142 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ.
ޢުލޫމުލް ޤުރުއާންގެ ކުލާސްތަކުގައި މިވަގުތުވެސް 300 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އެބަދެއެވެ. ކޮންމެ އަހަރަކުވެސް މި ޤުރުއާން ކުލާހުން 25-30 ދެމެދުގެ އަދަދަކަށް ދަރިވަރުން ޚަތިމް ކުރެއެވެ. ޚަތިމް ކުރާ ދަރިވަރުންނަށް ވެސް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް