ކޮވިޑުގެ މިވަގުތުގެ ހާލަތު ވަރަށް ގޯސް - މި މަސް ނިމޭއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވާނެކަމަށް ލަފާކުރެވޭ: ޑރ. އަފްޒަލް

ކޮވިޑުގެ މިވަގުތުގެ ހާލަތު ވަރަށް ގޯސް ކަމަށާއި މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެނ...

19 Jan 2022 | 04:25

ކޮވިޑުގެ މިވަގުތުގެ ހާލަތު ވަރަށް ގޯސް ކަމަށާއި މި މަސް ނިމިގެންދާއިރު ކޭސްތައް ވަރަށް ބޮޑަށް މަތިވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ތިން ޕީކަކާ ކުރިމަތިލައިފި ކަމަށާއި މިހާރު މިއައީ ހަތަރު ވަނަ ވޭވެއް ކަމަށެވެ. އަދި ކުރިއަށް ލަފާކުރާގޮތުން ދައްކަނީ، މިއީ ކުރީ ފަހަރުތަކަށްވުރެ މާ ބޮޑު ނުރައްކާ ވޭވަކަށް ވާނެކަމަށެވެ.

" އެންމެ ފަހުގެ ޕީކުގައި އެއް މަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑަށް ޓެސްޓުކުރާ ސާމްޕަލްތަކުގެ 25 ޕަސަންޓު މިހާރު އެ ބައްޔަށް ޕޮޒިޓިވްވާކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވަނީ އަތޮޅުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ރަނގަޅަށް ތަންފީޒު ނުކުރެެވޭ ކަންވެސް ފާހަގަ ކުރައްވާފައެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ވެސް ކޮވިޑުގެ އަދަދުތައް ދަށް ނުވާނަމަ އެހެން ފިޔަވަޅުތައް އަޅާނެ ކަމަށާއި އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން، ކޮވިޑު އަވަހަށް ފެތުރޭތީ އެއީ ނުރައްކާތެރި ވޭރިއަންޓެއް ކަމަށް ބަލާނެ ކަމަށް ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް