ޓޮންގާގެ އަލިފާން ފަރުބަދަ "ޓޮންގާ ހޮންގާ ހަޕައި" އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ގައުމާއި މުވާސަލާތީ ގުޅުން ކެނޑިފައި އޮތުމަށްފަހު އެ ގައުމުގެ ހަބަރެއް ވެއްޖެއެވެ.
ޓޮންގާ ސަރުކާރުން މި ހާދިސާއާއި ގުޅޭ ފުރަތަމަ ބަޔާން މިހާރު ހާމަކޮށްފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ ތިން މީހަކު މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާކަމަށާއި އޭގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތަކު ހިމެނޭ ކަމަށެވެ. އަދި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތައް އެކުގައިހެން އަޅިން ފޮރުވިފައިވާކަމަށާއި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަސައްކަތް މިހާރު ފަށާފައިވާކަަމަށެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީގެ އުސްމިނުގައި 15 ވަރަކަށް މީޓަރު (49 ފޫޓު) ހުންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާބާދީގައި ލައްކައެއްހާ މީހުން ދިރިއުޅޭ ޓޮންގާއަށް މި ދިމާވި ހާދިސާއާއެކު އެ ގައުމާއި މުވާސަލާތީ ގުޅުން އެއްކޮށް ކެނޑުނެވެ. ފާއިތުވި ދެ ދުވަހެއްވަރު ހޭދަވީ ޓޮންގާގެ އެއްވެސް ހަބަރެއް ނުލިބިއެވެ.
ޓޮންގާ އާއި އެންމެ ގާތުގައި އޮތް އެއް ގައުމުކަމުގައިވާ ނިއުޒިލެންޑުން މިއަދު ބުނެފައިވަނީ އެ ގައުމާއި މުވާސަލާތީ ގުޅުން މިހާރު ގާއިމުވެފައިވާއިރު ނިއުޒިލެންޑްގެ ކަނޑުގެ ސިފައިންގެ ދެ ބޯޓު، ރެސްކިއު ޓީމްތަކާއި އެހީ ހިފައިގެން މިހާރު ދަތުރު ފަށާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް