އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގާ ހުކުމް އިއްވުން މިއަދު އޮންނާނެކަމަށް ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި އެ މައްސަލައިގާ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ.
އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅުނު މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.
މި މައްސަލާގައި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ދައުލަތުން ވަނީ ދަޢުވާ އުފުލާފައެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެން ކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ. އަދި ޔާމީން ރަޝީދު ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި އޭނާގެ ގައިގެ 30 ތަނަކަށް ވަޅި ޖަހާ މަރާލީ ހައިޝަމާއި ޒިހާން ކަމަށާއި، އެވަގުތު އެގޭގެ ބޭރުގައި ފާރައަށް ހުރީ ދަޢުވާލިބޭ އިސްމާއިލް ރަޝީދު ކަމަށް ވެސް ދައުލަތުން ވަނީ ޝަރީއަތުގައި ބުނެފައެވެ.
ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ބްލޮގަރ ޔާމީން ރަޝީދު މަރާލިތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން މިދިޔަ އޭޕްރީލް މަހުގެތެރޭގައިވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް