ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދަން ކަނޑައަޅާފައިވާ ހައުސިންގް ޔުނިޓެއް ކަމަށްވާ "ހިޔާވެހި" ހައުސިންގް ޕްރޮޖެކްޓް ޑިޒައިން ކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތް އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ.
އަމީން ކޮންސްޓްރަކްޝަން އާއި މިމަސައްކަތް ހަވާލު ކުރުމުގެ ގޮތުން މިއަދު ހެނދުނު އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި، އެޗްޑީސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުﷲ މުޙައްމަދު އެވެ.
"ހިޔާވެހި" ހައުސިންގް ޕްރޮޖެކްޓަކީ ސަަރުކާރުގެ އެކިއެކި އިދާރާތަކާއި އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ކަނދައަޅުއްވާފައިވާ ހައުސިންގް ޔުނިޓްތަކެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
ޖުމްލަ 402 ރެސިޑެންޝަލް ޔުނިޓް ހިމެނިގެންވާ މިހައުސިންގް ޔުނިޓުތަކުގައި ހިމެނޭނީ އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާއި ދެމެދުގެ އެޕާޓްމަންޓުތަކެއް ކަމަށާއި މިޕްރޮޖެކްޓްގެ ވެލިއު އަކީ 647 މިލިއަން ރުފިޔާ ކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެއެވެ. އަދި މިޕްރޮޖެކްޓި ނިންމުމަށް ކަނޑައެޅިފައިވަނީ 26 މަހުގެ ތެރޭގައެވެ.
"މިހައުސިންގް ޔުނިޓްތަށް ވިއްކުމުގައި އަޅުގަނޑުމެން ބަލާނީ ބޭންކުތަށް މެދުވެރިކޮށް މޯގޭޖްކޮށް ވިއްކޭތޯ" މިއަދުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސައިމަން ވިދާޅުވިއެވެ. މީގެ އިތުރުން ސައިމަން ވިދާޅުވީ "މިޕްރޮޖެކްޓު ވެގެންދާނީ ހަމަ ޔަޤީނުންވެސް ކޮލިޓީ ލިވިންގް އެއް ޕްރޮމޯޓް ކުރާ" ޕްރޮޖެކްޓެއް ކަމަށެވެ.
އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވީ "މިޕްރޮޖެންޓް ޑިޒައިން ކުރަން އޮތީ 60 ދުވަސް" ކަމަށާއި 60 ދުވަހުގެ ތެރޭގައި ހުރިހާ ޑިޒައިންތަށް ފުރިހަމަކޮށް ޕްލޭންތަށް ހުށަހެޅުމަށްފަހު ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް ފެއްޓޭނެ ކަމަށެވެ.
ހުޅުމާލޭގައި އެޅޭ "ހިޔާވެހި" ހައުސިންގް ޔުނިޓުތަށް އެޅުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުން ފޭސް 2 އާއި ވީ މަގުގެ ދެކުނުގައި އޮތް ސަރަޙައްދުގައެވެ.
މިހައުސިންގް ޔުނިޓްތަށް ދޫކުރާ އަގުތަށް ސަރުކާރުން ސޯޝަލް ހައުސިންގްގެ އަގުތަކަށްވުރެ ކުޑައެއް ނުވާނެ ކަމަށާއި އެހެންނަމަވެސް އަމިއްލަ ފަރާތްތަކަށާއި އޯޕަން މާކެޓްގައި ވިއްކާ އަގުތަކަށްވުރެ މިހައުސިންގް ޔުނިޓްތަކުގެ އަގުތަށް ކުޑަވާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް