ޖަމީލާ އަލީ އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި

ދިވެހި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދު އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި...

19 Jan 2017 | 04:06

ދިވެހި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ޚާލިދު އާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއާއި ޖަރުމަނު ގުޅިގެން ކުރެވިދާނެ ކަންކަންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމުގައި އެ މިނިސްޓްރީ އިން ހާމަކުރެ އެވެ.

"ދެބޭފުޅުންގެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އިތުރަށް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ޖަރުމަނުގެ ސަރުކާރުގެ އެހީތެރިކަން ހޯދިދާނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެއްވި، އެގޮތުން ޖަރުމަނަކީ އިންޑަސްޓްރިއަލް ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމެއްކަމަށާއި، އަދި އެހެން ގައުމުތަކަށް ބަލާއިރު، ޖަރުމަނަކީ ޓިވެޓްގެ ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގަމުން އަންނަ އެއް ގައުމުކަމަށް މިނިސްޓަރ ފާހަގަކުރެއްވި، އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ޓިވެޓްގެ އެކިއެކި ޕްރޮގްރާމްތައް ހިންގަމުން ގެންދަވާއިރު، މި ޕްރޮގްރާމްތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި" މިނިސްޓްރީން ހާމަކުރެ އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި ޒުވާނުންނަށް ތަފާތު އެކިއެކި ދާއިރާތަކުން ފުރުސަތުތައް ހޯއްދަވާދެއްވުމަށާއި، ތައުލީމީ، ހުނަރުވެރި އަދި ގާބިލް ޒުވާނުންތަކެއް ބިނާ ކުރެއްވުމަށް ނުހަނު ސަމާލުކަން ދެއްވާފައިވާއިރު، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް އަމާޒުކުރެވިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ކުރިއަށް ގެންދަވާ ޓިވެޓް ޕްރޮގްރާމްތަކަށް ޖަރުމަނުފަދަ ޓިވެޓްގެ ފުރިހަމަ ޕްރޮގްރާތަކެއް ހިންގަމުންގެންދާ ގައުމެއްގެ އެހީތެރިކަން ލިބުމަކީ ޓިވެޓްގެ ޕްރޮގްރާމްތަކުން ތަމްރީންވާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މަތީ ތައުލީމްގެ ސްކޯލަރޝިޕްގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވުމަކީވެސް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިޚްތިޔާރީ މާއްދާތަކުގެ ގޮތުގައި މިހާރުވެސް ރާއްޖޭގައި  ބޭރުގެ އެކި ބަސްތައް ކިޔަވައިދެމުން އަންނަކަމަށާއި، އޭގެ ތެރޭގައި އަރަބި ބަހާއި ޗައިނާ ބަސް ހިމެނޭކަމަށެވެ. އަދި މިހާރު ކިޔަވާދޭ ބަސްތަކުގެ އިތުރުން ޖަރުމަނު ބަހަކީވެސް އިޚްތިޔާރީ ބަހެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބަހަކަށް ހެދިދާނެކަމަށާއި، އެކަން އެހެން ކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާ އާއި ހޮސްޕިޓަލިޓީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. އެގޮތުން، މި ބަސް ސްކޫލްތަކަށް ތައާރަފްކުރުމަށްޓަކައި ޖަރުމަނުގެ ގާބިލް ޓީޗަރުން ރާއްޖެ ގެނެސްގެން މަސައްކަތް ކުރެވިދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވި ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

"މި ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ ރާއްޖޭގެ ސަރުކާރާއި ޖަރުމަނު ސަރުކާރާ ދެމެދު ގާއިމް ކުރެވިފައިވާ ގުޅުމަށް މިހާރު 50 އަހަރު ފުރިފައިވާއިރު، ތަފާތު ދާއިރާތަކުން ޖަރުމަނު ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަމަށް، އެހެންނަމަވެސް، ފާއިތުވެ ދިޔަ ތަނުގައި ތައުލީމީ ދާއިރާއާއި ގުޅުންހުރި މާގިނަ މަސައްކަތްތަކެއް ދެގައުމުގެ މެދުގައި ކުރެވިފައި ނެތްކަން ސަފީރު ފާހަގަކުރެއްވި، އަދި ޖަރުމަނު ސަރުކާރާއި ގުޅިގެން ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެއްވި ދާނެ މަސައްކަތްތަކަކީ ކޮބާތޯ ބަލައި، އެކަމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރު މިނިސްޓަރ އަށް ދެއްވި" މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނެފައިވަނީ ޖަމީލާ އަލީ ޚާލިދަކީ ގިނަ އަހަރުތަކެއް ވަންދެއް ތައުލީމީ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ވުމާއިއެކު، ތައުލީމީ ދާއިރާއަކީ އެކަމަނާ އާއި ވަރަށް ގާތް ދާއިރާއެއް ކަމަށާއި، މިދާއިރާގެ މަސައްކަތްތަކުގައި ވީ އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި ކަމަށާއި މިހާރުވެސް ރާއްޖޭގައި ކުރިއަށްގެންދާ ސްޓޫޑަންޓް އެކްސްޗޭން ޕްރޮގްރާމްތައް ފަދަ ޕްރޮގްރާމެއް ޖަރުމަނާއި ރާއްޖޭގެ ދަރިވަރުން، މުދައްރިއްސުން، ސުކޫލްތައް އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ޝާމިލްވާނޭގޮތަށް ކުރިއަށްގެންދަވަން ބޭނުންވެލައްވާކަމަށާއި، އެކަން ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށްވެސް ސަފީރު ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތްތަކުގައި ސަފީރަށް ފޯރުކޮށްދެއްވެން އޮތް އެހީތެރިކަމާއި އެއްބާރުލުން އެންމެ ފުރިހަމައަށް ދެއްވާނޭކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ސަފީރަށް ދެއްވާފައިވާކަމަށާއި އަދި ސަފީރުކަމުގެ އައު  ޒިންމާތަކާއި މަސައްކަތުގައި ޖާމީލާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވި ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް