ރޭ އިނގެރޭސި ޕްރިމިއަރލީގުގައި އަރސެނަލްއިން މެންޗަސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.
މެންޗަސްޓަރ ސިޓީގެ އެތިހާދް ސްޓޭޑިއަމްގައި އަރސެނަލްއިން ސިޓީގެ މައްޗަށް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ 2010 ވަނަ އަހަރުގެ އޮކްޓޯބަރަށްފަހު ސިޓީގެ ދަނޑުގައި އަރސެނަލް ކުރިހޯދި ފުރަތަމަ ފަހަރެވެ.
ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުންވެސް ސިޓީ ބަލިވެފައެއް ނުވެއެވެ. ނަމަވެސް ރޭގެ މެޗުގައި އަރސެނަލްއިންވަނީ ޓެކްޓިކަލީ މޮޅަށް ކުޅެ ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފާފައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ލީޑު ނަގާދިނީ ސަންތީ ކަޒޯލާއެވެ. އަރސެނަލްއިންވަނީ މެޗުގައި ސިޓީގެ ފޯވަރޑްލައިން ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ. އެގޮތުން ސިޓީގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަގުއޭރޯއަށްވެސް ވަނީ މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކިފައެވެ.
އަރސެނަލްގެ ދެވަނަ ގޯލް މެޗުގެ 67 ވަނަ މިނެޓުގައި ކަޒޯލާގެ ރީތި ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އޮލިވިއަރ ޖީރޫއެވެ. މި ސީޒަންގެ ލީގުގައި ޖީރޫވަނީ މިހާތަނަށް ހަ ގޯލް ކާމިޔާބުކޮށްދީފައެވެ.
މެޗުން ބަލިވުމާއެކު ސިޓީ އޮތީ އިނގެރޭސި ލީގު ތާވަލުގެ ދެ ވަނައިގައެވެ. އެއީ އެއްވަނައިގައިވާ ޗެލްސީއާއި ފަސް ޕޮއިންޓް ފަރަގެއްގައެވެ. އަރސެނަލްވަނީ 39 ޕޮއިންޓާއެކު ފަސް ވަނައަށް ޖެހިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް