އާޔަތެއްގެ ހިޔަލުގައި: ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ

﴿ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ﴾ "ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ." الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ފާފަތަކުގެ ތެރޭގައި އުޅެމުންދާ މީހުން...

30 May 2017 | 04:41

﴿ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ﴾

"ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ."

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފާފަތަކުގެ ތެރޭގައި އުޅެމުންދާ މީހުން ހެޔޮކަމުގެ މަގަށް އެނބުރުމަށް ވިސްނާފިކުރުކުރާ ހިނދު، ކުރެވިފައި ހުންނަފާފަތަކުގެ ގިނަކަން އިޙްސާސްވެ، ބައެއް ފަހަރު މާޔޫސްވެވޭ ގޮތްވެއެވެ. އަޅާއަށް ހެޔޮކަން ބޮޑީ ކުފުރާއި ފިސްޤާއި އުރެދުމުގެ އަނދިރި މަގުތައް ދޫކޮށް، އީމާންކަމުގެ ނޫރުން އުޖާލާކަން ލިބިގަތުމެވެ. މިކަން އަންގަވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [سورة الزمر ٥٣] މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ. ހަމަކަށަވަރުން ﷲއީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ."

ވަރަށް ގިނަ ފާފަކޮށްފައިވާ މުޝްރިކުންތަކެއް ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަތުވެއްޖެއެވެ. އެމީހުންނަކީ ވަރަށް ގިނައިން މީހުންމަރާ އުޅުނު ބައެކެވެ. އަދި ވަރަށް ގިނައިން ޒިނޭވެސްކޮށްފައިވާ ބައެކެވެ. އެބައިމީހުން ރަސޫލާ صلى الله عليه وسلم އަށް ދަންނަވައިފިއެވެ. ކަލޭގެފާނު ތިޔަގޮވާލައްވަނީ ވަރަށް ހެޔޮކަމަކަށެވެ. އަހަރުމެންކޮށްފައި މިވާ ކަންކަމުގެ ކައްފާރާއެއްވާނަމަ އެކަން ބަޔާންކޮށްދެއްވާށެވެ. ދެންފަހެ އިސްވެ ބަޔާންކުރެވުނު އާޔަތާއި އަދިވެސް ކީރިތި ޤުރުއާނުގެ އެހެނިހެން އާޔަތްތައްވެސް އެކަމާ ވިދިގެން ބާވައިލެވިއްޖެއެވެ. [ބައްލަވާ: الإستيعاب في بيان الأسباب]

އަދިވެސް ސުންނަތުގެ ފޮތްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. އަބޫ ޠަވީލު ޝަޠަބު އަލްމަމްދޫދުގެ ކިބައިން ޢަބްދުއްރަޙްމާނު ބުން ޖުބައިރު ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެކަލޭގެފާނު ވަޑައިގަތެވެ. [އެހެން ރިވާޔަތެއްގައި ވާގޮތުން ވަރަށް މުސްކުޅި ބޭކަލަކު ވަޑައިގަތެވެ. އެމީހާގެ ބުމަ ވަނީ ލޮލުގެމައްޗަށް ވެއްޓިފައެވެ. ހިންގަވަނީ ޢަޞާއެއްގެ އެހީގައެވެ. އެމީހަކު ވަޑައިގެން ނަބިއްޔާ صلى الله عليه وسلم ގެ ކުރިފުޅުމަތީ ހުއްޓުނެވެ.]

ފަހެ (އެމީހާ) ދެންނެވިއެވެ. “އެއްވެސް ފާފައެއް ދޫނުކޮށް، އެންމެހާ ފާފައެއްކޮށްފައިވާ މީހެކެވެ. ކުޑަ ބޮޑު އެއްވެސް ފާފައެއް އެމީހާ ދޫކޮށްފައި ނުވެއެވެ. [އެހެން ރިވާޔަތެއްގައިވެއެވެ. އޭނާގެ ކަނާއަތުން އަރައިނުގަންނަ (އެއްވެސް ފާފައެއް) ނުވެއެވެ. އޭނާގެ ފާފަތައް ބިމުގެ އަހުލުވެރިންގެ މައްޗަށް ބަހާލެވުނުނަމަ އެ(ފާފަތައް) އެބައިމީހުން ހަލާކުކޮށްލީހެވެ.] ފަހެ އެކަމަށްޓަކައި ތައުބާއެއްވޭ ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ އިސްލާމްވީ ހެއްޔެވެ؟”

އެމީހާ ދެންނެވިއެވެ. “ފަހެ ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި ކަލޭގެފާނީ ﷲގެ ރަސޫލާކަމަށްވެސް އަޅު ހެކިވަމެވެ.”

އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ. ”ހެޔޮކަންތައްތައްކޮށް، ނުބައިކަންތައްތަކުން ދުރުހެލިވާށެވެ. އޭރުން ތިބާއަށްޓަކައި ﷲތަޢާލާ އެހުރިހާކަމެއް ހެޔޮކަންތައްތައް ކަމުގައި ލައްވާނެއެވެ.”

އެމީހާ ދެންނެވިއެވެ. ”ތިމަންގެ ޚިޔާނާތްތަކާ ފާފަތައްވެސް ހެއްޔެވެ؟"

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާދޭހެވެ.”

އެމީހާ ދެންނެވިއެވެ. ”اللَّهُ أَكْبَرُ“ ދެންފަހެ ތަކުބީރު ކިޔަމުން އެމީހާ ހިނގައްޖެއެވެ. [رواه الطبراني وغيره صححه الهيثمي في مجمع الزوائد، والحافظ ابن حجر في الأمالي المطلقة، والألباني في سلسلة الأحاديث الصحيحة]

ހެޔޮކަމަށް އެދޭމީހާއެވެ. ހެޔޮކަމާއިގެން ކުރިއަރައިދާށެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.

ލިޔުއްވީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް