ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތަކުގެ މައްސަލައެއް ފެންމަތިވިއިރު އެ ލިޔެކިޔުންތަކަކީ ވެރިފިކޭޝަންގެ ބޭނުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވި ލިޔެކިޔުންތަކެއް ކަމަށާއި ގޯހެއް ހަދާފައިނުވާނެކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ފަޒުލް މިހެން ވިދާޅުވީ މި މައްސަލައިގާ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އެކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުންނެވެ.
ފަޒުލް ވިދާޅުވީ ފެންމަތިވެފައިވާ ލިޔުމަކީ ގޯތިތަކުގައި އިމާރާތްކުރުމަށް ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ދަށުން ހައުސިން މިނިސްޓްރީއާއެކު ކުރިއަށްދާ ވެރިފިކޭޝަން ޕްރޮސެސްގެ ދަށުން ފޮނުވާފައިވާ ލިޔުމެއް ކަމަށެވެ.
އެ ލިޔުމުގައި ފަޒުލްގެ ބޭބެ ފަޒީލް ރަޝީދުގެ ނަން އޮތް އިރު ހައުސިން މިނިސްޓްރީގެ ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ލިބިފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ އެގޮތަށް ރިކުއެސްޓް ލިބުމުން ބެލި ބެލުމުން ކަންތައްތަކެއް ފާހަގަވި ކަމަށާއި ހައުސިން މިނިސްޓްރީއަށް ހުށަހެޅީ އެކަން ވެރިފައި ކުރުމަށް ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ޖަވާބު ލިޔުމަކީ މައްސަލަ އުޅޭކަން ކަށަވަރުކޮށްދީ ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ފޮނުވާފައިވާ ލިޔުމެއް ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތުކޮށް ފަޒުލް އަށް އިނގިލި ދިއްކުރަމުންދާއިރު މިރޭގެ ޕްރެސްގައި ފަޒުލް އެކަމަށް އިންކާރު ކުރެއްވިއެވެ. ވިދާޅުވީ މިނިސްޓްރީއަށް ނާންގާ އެއްވެސް ފަރާތަކަށް ބިމެއް ހަވާލުކޮށްފައިނުވާނެކަމަށެވެ.
އެއްވެސް ގޯހެއް ނޯންނާނެކަން ސާފުކޮށް ފަޒުލް ވިދާޅުވިއެވެ. އަދި ތުހުމަތު ތަކަށް ތަކުރާރުކޮށް އިންކާރު ކުރެއްވިއެވެ.
ތުހުމަތުތަކާއި ގުޅިގެން އޭސީސީއާއި ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. އެ ތަހުގީގުގެ ދަށުން މިއަދު ފުލުހުން އެޗްޑީސީ އޮފީހަށްވެސް މިއަދު ހަވީރު ވަދެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް