ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ތަރައްޤީކުރުމަށް ފުށިދިއްގަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވާދެއްވައިފިއެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 1153 ހެކްޓަރުގެ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރުގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑެވެ.
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެގެން ދާއިރު، މި މަސައްކަތް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން، ބޭރުގެ ދެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
ރަސްމާލެ ބިން ހިއްކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުވެރިކަމުގެ މައްސަލަ އަށް ދާއިމީ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަމުގެ ހައްލު، ރަސްމާލެއިންނާއި އިތުރު ބިންހިއްކުމުގެ މަޝްރޫޢުތަކުން ހައްލުކޮށްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގޯއްޗާއި ފްލެޓް ހިމެނޭ ގޮތަށް 66000 ހައުސިން ޔުނިޓް މި މަޝްރޫއުގެ ތެރެއިން ޤާއިމްކުރުމަށް ރާވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހި އަދި އެންމެ ޒަމާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރާ މިންގަނޑުތަކަށް އިސްކަން ދީގެން ކަމަށެވެ. އަދި މި ސީޓީވެގެންދާނީ "ސޭފް އައިލެންޑް" ކޮންސެޕްޓަކަށް ތަރައްޤީކުރާ ރަށަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މެދަށް 3 މީޓަރު އުސްކޮށް، އަދި ރަށުގެ އަރިއަށް 2 މީޓަރު އުސްކޮށް، ބައިނަލްއަޣްވާމީ މިންގަނޑަށް މި ރަށް މި ތަރައްޤީ ކުރަނީ. ފެހިކަން ގަދަ، ހިތްގައިމު ރަށަކަށް މި ރަށް ވެގެންދާނެ. އަދި މި ސީޓީ ވެގެންދާނީ ރާއްޖޭގެ ފުރަތަމަ "0 ކާބަން" ސިޓީއަށް." ރައީސް ވިދާޅުވިއެވެ.
އެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާއި ރައްޓެހިވާނެ ކަމަށާއި އެތަނުގައި ހުންނަ ހުރިހާ ފެސިލިޓީއެއްވެސް ހިންގާނީ ރިނިއުއެބަލް އެނާޖީގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ފެހި، އެންވަރަޔަމަންޓަލް ފްރެންޑްލީ އިކޯ ސިޓީއަކަށް މިތަން ހަދާނަން. އިންޓަނޭޝަނަލްކޮށް އެތަން ބްރޭންޑް ކުރެވިގެން ދާނީ 'މޯލްޑިވްސް އިކޯ ސިޓީ'ގެ ގޮތުގައި"
ރައީސް ވިދާޅުވީ ރަސްމާލޭގައި މީހުން އާބާދުކުރަން ފަށާއިރު، އެތަނުގައި ދުނިޔޭގެ ފެންވަރުގެ ޒަމާނީ ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރައްވާނެކަމަށެވެ. އެގޮތުން ކަނޑުދަތުރާއި ވައިގެ މަގުންވެސް ދަތުކުރެވޭނެ ޒަމާނީ ނިޒާމެއް ޤާއިމްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މާލެއާއި ރަސްމާލެއާއި ދެމެދު ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމެއް ޤާއިމުކުރާނަން. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތި ނުވާގޮތަށް، "އެއަރ ސްޓްރައިޕް" ވައިގެ ދަތުރުގެ ނިޒާމެއް ޤާއިމުކޮށް އެތަނާއި ރަސްމާލެ ގުޅުވާލާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވައުދުވި ފަދައިން އެމަނިކުފާނުގެ ސަރުކާރެއްގައި ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުން ނެގުމަށްފަހު ދެން އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ހައްލު ގެނައުމަށް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެދުރުވެރިކަމުގެ ފުރުސަތުތައް ހުޅުވާލަދީ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެގޮތުން، އުތުރާއި ދެކުނުގައި އިންޓެގްރޭޓެޓް ޒޯންތަކެއް ޤާއިމްކުރެވި، އެ ސަރަހައްދުތަކަކީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަދި އެ ސަރަހައްދުތަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެކަށީގެން ވާވަރަށް ގެދޮރުވެރިކަން ލިބޭ އަދި ތަރައްޤީގެ ފުރުސަތުތައް އޮތް ސަރަހައްދުތަކަކަށް ހަދައިދޭނަން. އަދި އެ ސަރަހައްދުތަކުގައި އެކަށީގެންވާ ތަޢުލީމާއި، ސިއްޙީ ޚިދުމަތާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރެއްވުމަށްވެސް ނިންމަވާފައިވާކަމަށެވެ.
"އެތަންތަނުގައިވެސް ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ ބޮޑެތި މަސައްކަތްތައް ކުރުމަށް ވަނީ ރާވާފައި. މިއީ މާލެއަށް ބަރޯސާވާންޖެހޭ ޖެހުން ކުޑަކޮށް، އަތޮޅުތަކުގައިވެސް ފުރިހަމަ ޚިދުމަތްތައް ލިބިގެން ދިރިއުޅެވޭނެ މަގު ފަހިކޮށްދެއްވުމަށް ކުރާ މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅީފަޅުގައިވެސް އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ރާވާފައިވާކަމަށެވެ. ހަމައެއާއެކު ގިރާވަރު ފަޅުގައިވެސް މިހާރު އެ ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރުން 509 ހެކްޓަރު އިތުރަށް ހިއްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަންތަން ބްރިޖުން ގުޅުވާލާ މުޅި އެ ސަރަހައްދަކީ އެކު އެކީގައި ގުޅި ލާމެހިފައިވާ ސަރަހައްދަކަށް ހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ތަރައްޤީ ކުރުމަށް ރާވާފައިވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. "މިތަން ވެގެން ދާނީ ހަމައެކަނި އެންވަޔަރަމަންޓަލް ފްރެންޑްލީ ސިޓީއަކަށް ނޫން. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ހިމެނިގެންދާ އިންކްލޫސިވް ސިޓީއަކަށް."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް