ޣައްޒާއާ ދެކޮޅަށް ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ގެންގުޅޭ ކަމަށް ބައިނަލްއަގުވާމީ އެންޖީއޯއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗު (އެޗްއާރްޑަބްލިއު) އިން އިޒްރޭލުގެ މައްޗަށް ތުހުމަތުކޮށްފިއެވެ.
ހިއުމަން ރައިޓްސް ވޮޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ފަލަސްތީނަށް ކާބޯތަކެއްޗާއި ފެނާއި އެހެނިހެން އަސާސީ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. މަދަނީ އާބާދީއާ ދެކޮޅަށް ބަނޑުހައިހޫނުކަން ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ފިޔަވަޅު އެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާފައެވެ.
އިޒްރޭލުގެ އޮފިޝަލުންގެ ބަޔާނާއި ސަލާމަތްވި މީހުންންގެ އިންޓަވިއުތަކާއި އެހީދޭ ޖަމިއްޔާތަކުގެ ރިޕޯޓްތަކާއި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ހެކިތަކަށް ހަވާލާދީ އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ފަލަސްތީނުގެ އާންމު ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް އިޒްރޭލުން ބޭނުންކުރަމުންދާކަން ސާބިތުވާ ކަމަށެވެ.
އެޗްއާރުޑަބްލިއުގެ އިޒްރޭލާއި ފަލަސްތީނުގެ ޑިރެކްޓަރު އުމަރު ޝާކިރު ވިދާޅުވީ، އިޒްރޭލުން ޣައްޒާގެ އާބާދީއަށް ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ކުރިމަތިކުރަމުން ދާތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިއީ އިޒްރޭލުގެ އިސް އޮފިޝަލުން ބާރުއަޅާ ނުވަތަ ތާއީދުކުރާ ސިޔާސަތެއް ކަމަށާއި އަދި ހަނގުރާމައިގެ ނިޒާމެއްގެ ގޮތުގައި އާންމުން ބަނޑުހައިހޫނުކަމުގައި ބެހެއްޓުމުގެ ވިސްނުން ދައްކުވައިދޭ ސިޔާސަތެއް ކަމަށެވެ.
ޣައްޒާގެ އާބާދީއަށް ނުރައްކާތެރި އަސަރުތަކެއް ކުރާ މި ނުރުހުމުގެ ހަނގުރާމައިގެ ޖަރީމާއާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން ވާހަކަ ދައްކަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިރެކްޓަރު އުމަރު ޝާކިރު މިހެން ވިދާޅުވެފައި މިވަނީ ޣައްޒާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނަ އަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، އެތެރޭގެ އަދި ބޭރުގެ ޕްރެޝަރުތައް އިޒްރޭލަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 18،787 މީހުން މަރާލައި، އިތުރު 50،897 މީހުން ޒަހަމްކޮށްލާފައިވާއިރު، އެތައް ހާސް ބަޔަކު ކުނިތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ.
ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ރޯމް ސްޓެޓިއުޓްގައި ބުނެފައި ވަނީ އާންމުން ބަނޑުހައިހޫނުކަމުގައި ބޭތިއްބުމަކީ އެމީހުންގެ ދިރިހުރުމަށް ކޮންމެހެން ބޭނުންވާކަމެއް ގެއްލުވާލާ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅުން ފަދަ ކަމެއް ކަމަށެވެ.
ޣައްޒާގެ 2.3 މިލިއަން މީހުންގެ ހާލު، ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދެމިއޮތް ހަނގުރާމައިގެ ތެރޭގައި ވަނީ މާޔޫސްވެފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އެންކްލޭވްގައި ދިރިއުޅޭ ފަލަސްތީނުގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުން ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްއަށް އެހީ ހޯދުމުގެ މަސައްކަތަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
ޣައްޒާއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ކާބޯތަކެތީގެ ބޭންކުތަކަށް ވަދެ، އިންސާނީ އެހީ ފޯރުކޮށްދޭ ޓްރަކްތަކާއި، ދަނޑުބިންތައް ހަލާކުކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކާއި ދައުރުވަމުން އަންނަ ފޮޓޯތަކުން އެ ތުހުމަތުތައް އިތުރަށް ވަރުގަދަވެގެން ދެއެވެ.
އިޒްރޭލު ސަރުކާރުން ވަނީ އެޗްއާރްޑަބްލިއުއަކީ ސެމިޓިކް ޖަމާއަތާ ދެކޮޅު އަދި އިޒްރޭލާ ދެކޮޅު ޖަމާއަތެއް ކަމަށް ބުނެ އެޖަމިއްޔާއަށް ރައްދު ދީފައެވެ.
"އިޒްރޭލުގެ ރައްޔިތުންނަށް ދިން ހަމަލާ އާއި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހިނގި ހަމަނުޖެހުން ހިއުމަން ރައިޓްސް ވޮޗް އިން ކުށްވެރި ނުކުރައްވާ ކަމަށާއި އިޒްރޭލުގެ ހިތާމަތަކާއި އިންސާނީ ހައްގުތަކަށް ލޯ ހުޅުވައިފި ނަމަ ޣައްޒާގައި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކޭނެ އެއްވެސް އަޚްލާގީ އަސާސެއް ނޯންނާނެ." ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިއޯރް ހައިޓް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް